މިއަދު 150 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިއަދު 150 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 150 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ 1،717 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 62 މީހުން އަދި ރަށްރަށާއި ރިސޯޓުތަކުން 88 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަށްފަޅުހުރާ އިން ޕޮޒިޓިވްވި 79 ކޭސް ވެސް ހިމެނެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،758 އަށް އަރައިފަ އެވެ.

މިއީ، ކޮވިޑްގެ ކޭސްތައް މަދުވި ފަހުން، ފާއިތުވި އެއް މަހުގެ ތެރޭގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކްލަސްޓާއާ ގުޅިގެން ވެސް މި ފަހުން ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވެ އެވެ.

ކޮވިޑުން އަލަށް 16 މީހުން ރަނގަޅުވެ މުޅި ޖުމްލަ އަދަދު 11،615 އަށް އަރާފައި ވެ އެވެ. މި ވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1،090 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުން މަދުވުމަށްފަހު އެ އަދަދު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ. ހޮސްޕިޓަލުގައި އަންނަނީ 92 މީހުންނަށް ފަރުވާ ދެމުންނެވެ.

މީހުން ދިރިއުޅޭ 14 ރަށެއްގައި ކޮވިޑްގެ 14 މީހުން ތިބިއިރު 32 ރިސޯޓަކުން 233 މުވައްޒަފުންނާއި 58 ޓޫރިސްޓުން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.