24 ނޮވެމްބަރ 2020 - 08:40

ލުސޭން، ސްވިޒަލެންޑް (ނޮވެމްބަރު 24) - އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް)ގެ ރައީސް އަހުމަދު އަހުމަދު ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކުރަން ދުނިޔާގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ނިންމައިފި އެވެ.
މަޑަގަސްކަރަ އަށް އުފަން އަހުމަދު އަންނަނީ ކާފްގެ ރައީސްކަން 2017 ވަނަ އަހަރު ފެށިގެން ކުރަމުންނެވެ. އަންނަ އަހަރު އޮންނަ ކާފްގެ އިންތިހާބުގައި ވާދަކުރައްވަން ނުރަސްމީކޮށް މަސައްކަތްކުރައްވަމުން އަހުމަދު އަންނަނިކޮށް ފީފާ އިން އިއްޔެ ނިންމީ އޭނާ ފަސް އަަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކުރާށެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދުގެ މައްޗަށް ސާބިތުވި ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި އިތުބާރު ނުހިފޭ އެތައް ކަމެއް ކުރުމާއި ހަދިޔާ އާއި އެހެނިހެން ތަކެތި އެކި ފަރާތްތަކަށް ދީގެން އެކި ބޭނުންތައް ފުއްދުމުގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކުރުން ހިމެނެ އެވެ. އަދި ކާފްގެ ފަންޑް އަހުމަދުގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރިކަން ވެސް ވަނީ ފަޅާއަރައިފަ އެވެ.
އަހުމަދަށް އަދަބު ދިނުމުގެ އިތުރުން ވަނީ 220،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެއީ އޭނާ ހިއްސާ އޮވެގެން ކޮރަޕްޝަނުން ހައްޖު ގްރޫޕަކަށް ފައިސާ ހަރަދުކުރުމާއި ކުޅިވަރު ސާމާނު ވިއްކާ ކުންފުންޏަކާ އެކު ހިންގާފައިވާ ނުރަނގަޅު ފައިސާގެ މުއާމަލާތުތަކެއްގެ ސަބަބުންނެވެ.
އުމުރުން 60 އަހަރުގެ އަހުމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 20 ދުވަހަށް ފަހު ރަނގަޅުވުމަށް ފަހު މިހާރު އަންނަނީ މަސައްކަތަށް ނުކުންނަމުންނެވެ. އޭނާ އަށް ފީފާ އިން ދީފައިވާ އަދަބާ ދެކޮޅަށް އެޕީލްކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ވަރަށް އަވަހަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާނެ ކަމަށް އެފްރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަހުމަދުގެ މައްސަލައެއް ބަލާތީ ކާފް ހިންގުން ހަވާލުކޮށްފައި އޮތީ އިންޓަރިމް ހެޑް ކޮންސްޓަންޓް އޮމާރީ އެވެ. އަހުމަދު ސަސްޕެންޑްކުރުމާ ގުޅިގެން ކާފް އިން ވަނީ ވަގުތީ ރައީސް އޮމާރީގެ ދައުރު ދައްމާލައިފަ އެވެ. އޮމާރީ އަކީ ކޮންގޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ އިތުރުން ފީފާ ކައުންސިލް މެމްބަރެކެވެ. އޭނާ އަހުމަދުގެ ލީޑަޝިޕާ ގުޅުނީ މިިދިޔަ އަހަރު ޖުލައި މަހު އެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ފީފާގެ ކޮންގްރެސް އަށް ފަހު ޕެރިހުގައި އަހުމަދު ވަނީ ކޮރަޕްޝަން މަައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި އަންހެން ވޯލްޑް ކަޕާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއްގަ އެވެ. އެކަމަކު އެ މައްސަަލައެއްގައި އެއްވެސް ކަމަކަށް ދައުވާ ނުކޮށް އެއް ދުވަސް ފަހުން އޭނާ ދޫކޮށްލީ އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ފީފާ އިން ވަނީ އަހުމަދުގެ މައްސަލަތައް ތަހުގީގުކުރަން ފަށައިފަ އެވެ. މައްސަލަ ބަލާތީ އަހުމަދު ކާފްގެ ޒިންމާތަކުން ދުރުކޮށް އޮމާރީ ފެޑެރޭޝަން ލީޑުކުރުމާ ފަހުން ހަވާލުވީ އެވެ.