ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ
ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ
ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ

އެ ކޮމިޝަނުން އިންތިހާބުގެ ހުރިހާ ކަމެއް ހިންގާ ބަލަހައްޓާ މައިމަޒުގެ ގޮތުގައި، ބާޖަމާލުއްދީން އިމާރާތް ހަމަޖައްސައި އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިހާބުގެ ރީރަޖިސްޓްރޭޝަންގެ ކަންކަން ހަމަޖައްސަން ޖެހޭނީ އާއްމުންނަށް ވީހާ ވެސް ފަސޭހަ އަދި އަވަހަށް ހިދުމަތް ދެވޭނެ ގޮތަކަށް ކަމަށެވެ.

ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ
ރީރަޖިސްޓްރީވާން އާދިއްތަ ދުވަހު ހުޅުވާލަނީ

އެގޮތުން ބާޖަމާލުއްދީންގެ ބޮޑެތި ކްލާސްރޫމުތައް، އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަކޮށްފައިވާއިރު، ރީ ރަޖިސްޓްރޭޝަނަށް ވެސް 13 ކައުންޓަރެއް އެތަނުގައި ވަނީ ބަހައްޓާފަ އެވެ. ނަމްބަރު ނަގައިގެން، ރީރަޖިސްޓްރީގެ ފޯމު ހުށަހަޅާއިރު، ފޯމުލުމުން އެކަން ފުރިހަމަ ވިކަމުގެ އެސްއެމްއެސް ފޯނަށް ލިބޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ރީރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާނީ މިމަހުގެ 6-20 އަށް، 15 ދުވަހުގެ މުއްދަތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަށްރަށުގައި ރީރަޖިސްޓްރީވާ މީހުންނަށް ވެސް އެ ރަށެއްގައި އެ ކޮމިޝަނުގެ ފޯކަލް ޕޮއިންޓްތައް ގާއިމުކޮށްފައިވާނެ ކަމަށެވެ.

އަމްޖަދު ވިދާޅުވީ އިންތިހާބަށް ކޮމިޝަނުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ގުޅުން ހުރި ހުރިހާ ހިދުމަތްތަކެއް ވެސް ލިބޭނީ ބާޖަމާލުއްދީނުން ކަމަށެވެ. ރީރަޖިސްޓްރީ ވުމުގެ އިތުރުން ކެންޑިޑޭޓުންނާއި މޮނީޓަރުންނާއި މަންދޫބުންނަށް ފޯމު ދޫކުރާނީ ވެސް އެތަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރީރަޖިސްޓްރީވުން ކަހަލަ ކަންތައްތައް ކުރަން ޖެހޭނީ ގިނަ މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ކަހަލަ ތަންތަނުން. އީސީގެ އިންތިހާބީ މި މަރުކަޒަށް ރައްޔިތުންނަށް ފަސޭހައިން އެކްސެސް ވެވޭނެ،" އަމްޖަދު ވިދާޅުވި އެވެ.

އީސީން ބުނިގޮތުގައި އިންތިހާބު ނިންމުމަށް ފަހު ވޯޓުލާ މަރުކަޒުން ގެންނަ ފޮށިތައް ބަހައްޓައި، ކަނޑާހަދާނީ ބާޖަމާލުއްދީން އިމާރާތުގެ ބޭރު ހޯލުތެރޭގަ އެވެ. އެކަމަށް އެތަނުގައި ޓެންޓެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންތިހާބާ ގުޅޭ ހުރިހާ މައުލޫމާތެއް މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ވެސް އެ އިމާރާތުގަ އެވެ.

އިންތިހާބުގެ ހުރިހާ ކަމަކަށް، ބާޖަމާލުއްދީންގެ ގިނަ ކްލާސްރޫމުތަކެއް ބޭނުންކޮށްފައިވެ އެވެ. އެގޮތުން އޮފިޝަލުން ތަމްރީނު ކުރުމާއި ވޯޓު ފޮށިތަކާއި އިންތިހާބާ ގުޅޭ ހުރިހާ ލިޔެ ކިޔުންތައް ބެހެއްޓާއި ކާޑާއި ފާސް ދޫކުރުމުގެ އިތުރުން އޮފިޝަލުން ކައިބޮއި ހެދުމަށް ވެސް ވަކި ކޮޓަރިތައް ހާއްސަކޮށްފައި ވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.