ޑިމާންޑު ބޮޑުވެ ހޯރަފުއްޓަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި
ޑިމާންޑު ބޮޑުވެ ހޯރަފުއްޓަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި

ޑިމާންޑު ބޮޑުވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް މި މަހު އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ފްލައިޓު ޝެޑިއުލް ކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހަށް ކަމަށެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުގެ ފްލައިޓާއި އެ ދުވަހު ހޯރަފުށިން މާލެ އަށް އޮތް ފްލައިޓް ވެސް ވަނީ ފުލްވެފަ އެވެ.

ކުރިން ހޯރަފުށި އެއާޕޯޓުގެ ޝެޑިއުލް އޮތް ގޮތުން މި މަހު އެ ރަށަށް އޮތީ އެންމެ ދަތުރެކެވެ.

މޯލްޑިވިއަން ބުނި ގޮތުގައި އަންނަ މަހުން ފެށިގެން އެ ރަށަށް ކޮންމެ ހަފްތާއަކު ތިން ދަތުރުކުރާނެ އެވެ. މާލެއިން ހޯރަފުއްޓަށް އެއްކޮޅުގެ ޓިކެޓުގެ އަގަކީ މާލެއިން ކުޅުދުއްފުށި އަދި ހަނިމާދޫއަށް ވެސް ދަތުރުކުރާ އަގު ކަމަށްވާ 1،113ރ. އެވެ. ނަމަވެސް ފެއާގައި 805ރ. އަށް ޓިކެޓް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައިވެ އެވެ.