24 ނޮވެމްބަރ 2020 - 08:06

ސްމާޓްފޯނުގެ ކޮންޓެކްޓްސް އާއި ފޯނުގައި ރައްކާކުރާ މުހިއްމު މައުލޫމާތުތައް ތަރުތީބުކޮށް، އަޕްޑޭޓްކޮށްދޭ އެޕެއްގެ ގޮތުގައި "ސަންޝައިން ކޮންޓެކްޓްސް" ލޯންޗުކޮށްފި އެވެ.

މި މަހުގެ 18 ގައި ލޯންޗްކުރި އެޕް މި ވަގުތު ލިބޭނީ ހަމައެކަނި އައިއޯއެސް އަށެވެ. އެކަމަކު އަދި އެއީ އިންވިޓޭޝަނެއްގެ ގޮތުގަ އެވެ. އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ވެސް އެޕް ބޭނުންކުރެވޭ ގޮތް ވެސް ވަރަށް އަވަހަށް ހަދާނެ އެވެ.
"ސަންޝައިން ކޮންޓެކްސްޓް" ފޯނަށް އިންސްޓޯލްކޮށްފައި އޮތުމުން ފޯނުގައި ހުންނަ ކޮންޓެކްސް އާއި އެ ނޫން ވެސް މުހިއްމު މައުލޫމާތުތަކުގައި ހުންނަ އެކި ބާވަތުގެ ކުށްތައް ވެސް އާޓިފިޝަލް އިންޓެލިންޖަސް (އޭއައި) ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީއަކުން ފިލުވައިދޭނެ އެވެ. އެގޮތުން މީހެއްގެ ކޮންޓެކްޓްގައި ނަން ލިޔެފައި އިންނަ އިރު ސްޕެލިން މިސްޓޭކެއް އޮތުމުން ނުވަތަ ނަމެއް ތަކުރާރުވުން ފަދަ ކަމެއް ހުރި ނަމަ އެކަން ވެސް ހައްލުކޮށް، ޖުމްލަކޮށް މުޅި ފޯނުގައި ރައްކާކުރާ މުހިއްމު މައުލޫމާތުތައް ތަރުތީބުކޮށް، އަޕްޑޭޓްކޮށް ދޭނެ އެވެ.
"ސަންޝައިން ކޮންޓެކްޓްސް" އުފެއްދީ ސަންޝައިން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަކީ ކުރިން ޔާހޫގެ ސީއޯގެ މަގާމާއި ގޫގުލްގެ އެންމެ ފުރަތަމަ އަންހެން އިންޖިނިރޭރުންގެ ތެރޭގައި ހިމެނުނު މަރީޒާ މޭޔާ އާއި ގޫގުލް އާއި ޔާހޫގައި ވެސް މަސައްކަތްކުރި އެންރިކޭ މުނޯޒް ޓޮރޭޒް ގުޅިގެން 2018 ގައި އުފެއްދި ކުންފުނި "ލުމި ލެބްސް" ރިބްރޭންޑްކޮށް އުފެއްދި ކުންފުންޏެކެވެ.
ސަންޝައިންގެ ފުރަތަމަ ޕްރޮޑަކްޓްގެ ގޮތުގައި "ސަންޝައިން ކޮންޓެކްޓްސް" ގެނެސްދިނުމަށް ފަހު، މަރީޒާ ވިދާޅުވީ އެންމެ މުހިއްމު ބޭނުމަކީ ބޭނުންކުރާ ޑިވައިސް އަކީ ބޭނުންކުރަން ޝައުގުވެރި އެއްޗަކަށް ހެދުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ވަރަށް ބާރަށް ކުރިއަރައި ފުޅާވަމުން އަންނަ އިރު، މީގެ ތެރޭގައި ހުންނަ ފޫހި ކަންކަން ޖާދޫއެއް ފަދަ ޝައުގުވެރި ކަންކަމަށް ބަދަލުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
"ސަންޝައިނުން ކުރާނެ ކަމަކީ އެއީ. އަހަރެމެންގެ މަސައްކަތްތައް އަދި ކިރިޔާ މި ފަށައި ގަނެވުނީ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ޓެކާ ގުޅުން ހުރި ވަރަށް ވެސް ޝައުގުވެރި އުފެއްދުންތައް އަންނާނެ." ޓެކް އިންޑަސްޓްރީގެ ވަރުގަދަ ސިކުނޑިއެއްގެ ގޮތުގައި ފާހަގަކުރެވޭ މަރީޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުނދަގޫތަކާއި ގޮންޖެހުންތަކާ އެކު ވެސް ސަންޝައިން ކޮޅަސް ޖެހުމަކީ ލިބުނު އެންމެ ބޮޑު އުފަލެވެ. ކުންފުނިން މިހާތަނަށް ވަނީ ފަންޑްގެ ގޮތުގައި ވެސް 20 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އެހެންވެ މަސައްކަތްތައް ފުޅާވަމުން ތަރައްގީވަމުން އަންނާނެ ކަމަށް މަރީޒާ ވިދާޅުވި އެވެ.