23 ނޮވެމްބަރ 2020 - 13:33

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، މި މަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ 1 އަދި 2 ވަނަ ދުވަހު އެވެ.
ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ، އޭނާއާ ދެކޮޅަށް އެ ކޮމިޝަންގެ މުވައްޒަފުންތަކެއް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.
އެ ތުހުމަތުތައް އަކްރަމް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބަޔަކު މައްސަލަ ހުށަހެޅީ ސިޔާސީ މަގްސަދެއްގައި އޭނާ އެ މަގާމުން ވަކިކުރަން ކަމަށެވެ. ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އަކްރަމްގެ ދިފާއުގައި ނުކުންނަވައި، އޭނާއަށް ކުރި ތުހުމަތަކީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ މާޗް 6 ގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުންނެވެ.