23 ނޮވެމްބަރ 2020 - 13:53

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކު ފިހިއްޖެ އެވެ.
އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހަތަރު ފިރިހެނަކަށް ޒަހަމްވެގެން ރޭ 12:15 ހާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެތަނުން އެކެއްގެ ހަށިގަނޑުން 50 ޕަސެންޓް ވަނީ ފިހިފަ އެވެ.
އޭނާ ވިދާޅުވީ ދޯނީގައި ދެން ތިބި ތިން މީހުންގެ ހަށިގަނޑުން ވެސް އެކި ވަރަށް ފިހިފައިވާ ކަމަށެވެ. އެކަމަކު އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން ކަމަށް ބުންޏެވެ.
"އެ އެންމެންނަށް ވެސް މި ކޮޅުން އަންނަނީ ފަރުވާ ދެމުން. ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު،" ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލީ ތިނަދޫ ފަޔަ ސްޓޭޝަންގެ ސިފައިން ކަމަށެވެ. އެ އުޅަނދުގައި ރޯވީ، ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށް ވެސް ބުންޏެވެ.
ރާސްތާ ދޯނީގައި އަލިފާން ރޯވީ ރޭ މަހަށް ފުރަން ތައްޔާރުވަމުން ދަނިކޮށެވެ.