23 ނޮވެމްބަރ 2020 - 13:01

ވޮޝިންޓަން (ނޮވެމްބަރު 23) - އެމެރިކާގެ ރިޔާސީ އިންތިޚާބުން ކުރިމަތިވި ނާކާމިޔާބީ ގަބޫލް ކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގާތް ބޭފުޅަކު އެދިވަޑައިގެންފި އެވެ.
ނިއު ޖާޒީގެ ކުރީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ވިދާޅުވީ ޓްރަމްޕުގެ ގާނޫނީ ޓީމަކީ "ބޮޑު ބޮލުގެ ރުހުމެއް" ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.
އޭބީސީގެ "ދިސް ވީކް" ޕްރޮގްރާމްގައި ކްރިސްޓީ ވިދާޅުވީ ޓްރަމްޕުގެ ގާނޫނީ ޓީމަކީ "ގައުމީ ހިތާމައެއް" ކަމަށާއި ނަމަވެސް އިންތިޚާބު އޮޅުވާލި ވާހަކަ ކޯޓުން ބޭރުގައި ޓްރަމްޕް ނުދައްކަވާ ކަމަށެވެ.
"އަޅުގަނޑަކީ ރައީސް ޓްރަމްޕުގެ ސަޕޯޓަރެއް. އަޅުގަނޑު ވާނީ ދެ ފަހަރު ރައީސަށް ވޯޓުލާފައި. އެކަމަކު އިންތިޚާބުގައި ހިނގާފައިވާ ކަމެއް ނުހިނގާ ކަމަކަށް ނުދެއްކޭނެ،" ކްރިސްޓީ ވިދާޅުވި އެވެ.
ކްރިސްޓީއަކީ ކެމްޕޭނުގައި ޓްރަމްޕަށް ވަރަށް ބޮޑަށް އެހީތެރިވި ބޭފުޅެކެވެ. މި އަހަރުގެ އިންތިޚާބުގައި ރިޔާސީ ބަހުސްތަކުގައި ވެސް ކްރިސްޓީގެ އެހީތެރިކަން ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ.
ޓްރަމްޕް ބަލި ގަބޫލް ކުރައްވަން ރިޕަބްލިކަން ޕާޓީގެ އެހެން ބައެއް މެންބަރުން ވެސް ވަނީ ގޮވާލައިފަ އެވެ. އޭގެ ތެރޭގައި މެރީލޭންޑުގެ ގަވަރުނަރު ލެރީ ހޯގަން ވެސް ހިމެނެ އެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.