24 ނޮވެމްބަރ 2020 - 08:00

ގައުމު ހިންގަން ބޭނުންވާ ފައިސާ ހޯދުމުގެ ނަމުގައި ކަނާއަތު ފިޔައިގެ ނިއޯލިބަރަލް (ފައިސާވެރިން އިތުރަށް މުއްސަނދިކުރުވާ) ސިޔާސަތެއް ކަމަށްވާ ޕްރައިވަޓައިޒޭޝަނަށް އެމްޑީޕީ ސަރުކާރުން އަނެއްކާވެސް ދޮރު ހުޅުވާލުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުން އިތުރަށް ދަތިވެ، ތަފާތު ކުރުން އިތުރުވެ، ބިކަވާނެ ކަމެކެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާނީ، 2021ގެ ދައުލަތުގެ ބަޖެޓުގައިވާ 34.7 ބިލިޔަން ރުފިޔާގެ ދަރަނި ފޫބެއްދުމަށްޓަކައި، ސަރުކާރުން ފައިސާ ހޯދަން މަޖިލީހަށް ހުށައަޅާފައިވާ ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ މައްޗަށެވެ.
ބަޖެޓަށް ފައިސާ ހޯދުމުގެ ނަމުގައި ކަމަށް ބުނެ ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ޕްރައިވަޓައިޒޭޝަންގެ ދިފާއުގައި ނެންގެވި މިސާލުތަކުގެ ތެރޭގައި ޕްރައިވަޓައިޒް ކުރުމުން ދައުލަތަށް ލިބޭ މަންފާ އިތުރުވާނެ ކަމަށާއި، ހިންގުން ހަރުދަނާވެ، އިސްރާފު ކުޑަކުރެވި ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުވުމުގެ އިތުރުން ސަރުކާރަށް ޑިވިޑެންޑެއް ވެސް ލިބުން ފާހަގަކުރެއްވި އެވެ. އަމީރު އެ ނެންގެވި ނުކުތާތަކަކީ އެތައް ދިރާސާތަކުންނާއި އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ފޭލް ވެފައިވާ މޮޑެލްއެއްގެ ދިފާއުގައި ބޮޑެތި ފައިސާވެރިން އިތުރަށް މުއްސަނދިކުރުމަށް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މެދު ކަނާތު ފިޔައިގެ ނިއޯލިބަރަލް ފިކުރުގެ މީހުން އާންމުކޮށް ދައްކާ ވާހަކަތަކެވެ.
ޕްރައިވަޓައިޒޭޝަންގެ މައިގަނޑު އަސާސަކީ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ މަންފާއަށްޓަކައި ދޭ ޚިދުމަތްތަކެއް، އަމިއްލަ ފަރާތްތަކުން ވިޔަފާރި ފައިދާއަށް ހިންގާ ހިދުމަތްތަކަކަށް ބަދަލުކޮށްލުމެވެ. ނިއޯލިބަރަލް ފަލްސަފާވެރިން ގަބޫލުކުރާ ގޮތުގައި ވިޔަފާރި އުސޫލަށް ކަންކަން ކުރުމުން، ވިޔަފާރިވެރިޔާއަށް ގެއްލުމެއް ވެދާނެތީ އެފަރާތުން އެމަސައްކަތް ކުރާނީ ވީހާވެސް ރަނގަޅަށެވެ. ޕްރައިވަޓައިޒޭޝަންއަކީ ނިއޯލިބަރަލް ސިޔާސަތުތައް ކުރިއަރުވާ ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ) އަދި ތަރައްގީގެ ނަމުގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން (މިސާލަކަށް ޔޫއެންޑީޕީ) ފަދަ ޖަމާއަތްތަކުން ކުރިއަރުވާ ސިޔާސަތެކެވެ. މި ފަރާތްތަކުން ދެކޭ ގޮތުގައި ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ ހޯދަން ޕްރައިވަޓައިޒް ކޮށް، ތަރައްގީ ގެނައުމުގައި ބޮޑެތި ފައިސާވެރިންގެ ބައިވެރިވުން އިތުރު ކުރަން ޖެހެ އެވެ. ސިވިލް ސާވިސް ކުޑަކުރުމާއި، ޕަބްލިކް-ޕްރައިވެޓް ޕާރޓްނާޝިޕްތަކަށް ފުރުސަތު އޮންނާން ޖެހެ އެވެ.
ނަމަވެސް ފަހުމު ނުވާ ކަމަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކެއް ވިޔަފާރިވެރިޔެއްގެ ބާރުގެ ދަށަށް ދިޔުމުން، ރައްޔިތުންގެ ހާލަތު މިނެކިރާނީ އެވިޔަފާރިވެރިޔާގެ ވިސްނުން ހުރި ގޮތަކަށެވެ. ވިޔަފާރި އުސޫލުން އަމިއްލަ ފަރާތެއް ދޭ ހިދުމަތެއް ހިންގުމުގައި އެންމެ މުހިއްމުކަން ދޭނީ ވިޔަފާރިވެރިޔާގެ އަމިއްލަ ފައިދާ ބޮޑުކުރުމަށެވެ. ރައްޔިތުންގެ މަންފާއާއި ތިމާވެއްޓަށް ވާ ގެއްލުންތަކާއި އެހެން ހުރިހާ ކަމެއްވެސް އަންނާނީ ވިޔަފާރި ފައިދާއަށް ގެއްލުން ނުވާނެ ހެންނެވެ. ވަޒީފާއިން ކަޑާލުމާއި، މުސާރަ ކުޑަކުރުމާއި، މަސައްކަތު ވަގުތު ކަނޑައެޅުމާއި އިތުރު ވަގުތު މަސައްކަތް ކުރުވުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ވިޔަފާރިވެރިޔާގެ އަތުގަ އެވެ. ނަތީޖާއަކީ މި ސިޔާސަތުތަކަށް ފުރުސަތު ދިނުމުން މަންފާވީ އަދި ވާނީ ވެސް ބޮޑެތި ފައިސާވެރިންނަށެވެ.
ސަރުކާރުގެ ބޭނުމަށް އޭޑީބީން 2006-2011އަށް ދައުލަތުގެ ކުންފުނިތައް ރީސްޓަކްޗާކޮށް އަދި ޕްރައިވަޓައިޒް ކުރުމަށް އެހީވެދިނެވެ. އަދި މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މިފްކޯ)، މޯލްޑިވްސް ނޭޝަނަލް ޝިޕިންގެ ލިމިޓެޑް (އެމްއެންއެސްއެލް)، ޕަބްލިކް ވޯކްސް ސާރވިސަސަ (ޕީޑަބްލިއުއެސް) އަދި ސްޓެލްކޯ އިލެކްޓިރިކަލް ކޮމްޕެނީ (ސްޓެލްކޯ) ރީސްޓަކްޗާކޮށް އަދި ޕްރައިވަޓައިޒް ކުރުމަށް މަސައްކަތް ކުރި އެވެ. މިގޮތުން ސަރުކާރުން ދިރާގުގެ ހިއްސާ ވިއްކުމަށާއި މެނޭޖްމަންޓް އެއްބަސް ވުމެއްގެ ދަށުން މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ޖީއެމްއާރު-އެމްއޭއެޗްބީއަށް ދިނުމަށް ވެސް ނިންމި އެވެ.
އަސާސީ ހިދްމަތްތައް ޕްރައިވަޓައިޒް ކުރާން ފެށީ 2008ގައި އެމްޑީޕީގެ ވެރިކަމުގަ އެވެ. މެދު ކަނާތު ފިޔައިގެ ޕާޓީއެއްގެ ގޮތުން ފެށުނީއްސުރެ ވެސް އެމްޑީޕީގެ ސިޔާސަތަކީ ވިޔަފާރި އުސޫލުން ހިދުމަތްތައް ދިނުމަށް އަމިއްލަ ވިޔަފާރިވެރިންނަށް ދޫކޮށްލުމުވެ. ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ވިޔަސް، ދަތުރުފަތުރުގެ ނިޒާމު ކަމުގައިވިޔަސް، ސިއްހީ ހިދުމަތްތައް ކަމުގައި ވިޔަސް، ތައުލީމީ ދާއިރާ ކަމުގައިވިޔަސް، ބޯފެން، ކަރަންޓު، އަދި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް އެމްޑީޕީގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިވެރިންނަށް ފައިދާ ވާނެހެން ވިޔަފާރި އުސޫލަށް އެންމެ އަސާސީ ހިދުމަތް ވެސް ވިއްކާލުމެވެ.
މިގޮތުން ދިރާގު މެޖޯރިޓީ ހިއްސާ 2009 ގައި ސަރުކާރުން ކޭބަލް އެންޑް ވަޔަލަސްއަށް ވިއްކާލުން، 2010 ވަނަ އަހަރު އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓް ހިއްސާ ބޭރު ކުންފުންޏެއް ކަމަށްވާ ހިޓާޗީއަށް ވިއްކާލުން، ސަރުކާރު ސްކޫލެއް ކަމުގައިވާ ގިޔާސުއްދީން ސްކޫލް ޕްރައިވެޓައިޒްކޮށް ޝްރީ އެޑިއުކެއާ ޕްރައިވެޑް ލިމިޓެޑަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ދިނުން، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު-އެމްއޭއެޗްބީއަށް މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ދިނުން ހިމެނެ އެވެ. އަދި އައިޖީއެމްއެޗް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލް ހިންގާ ކުންފުންޏާ ހަވާލުކުރުމުގެ މަޝްވަރާ ވެސް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖޭގައި މިހާރު އުފެދިފައި ހުރި ހުރިހާ ސިޔާސީ ޕާޓީތަކަކީ ވެސް ޕްރައިވަޓައިޒް ކުރުމާއި އެއްކޮޅު ފަރާތްތަކެވެ. ޕްރައިވަޓައިޒް ކުރުމުން ކުންފުނިތައް ޖަވާބުދާރީ ނުކުރެވުމާއި، ޒިންމާދާރު ނުކުރެވި، ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް އިތުރުވެ އަދި ފޮރުވިފައިވާ މާހައުލެއްގައި ކަންކަން ނިންމުމުގެ ބާރު ލިބިގެން ދެ އެވެ. ރައްޔިތުންގެ ބައިވެރިވުން ނެތި ރައްޔިތުންގެ ނަމުގައި ބޮޑެތި ކަންކަން ނިންމައި ތަންފީޒު ކުރެވެ އެވެ. ޑޭވިޑް ގްރެއިބާ ބުނާހެން 50 ޕަސެންޓަށް ވުރެން ގިނަ ހިއްސާ އެއް ބަޔަކު އަތުގައި އޮތުމުން ޑިމޮކްރެޓިކެއް ނުވާނެ އެވެ. އަދި އެފަރާތްތައް ބޭނުން ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނާނެ އެވެ. ރައްޔިތުން ކިތަންމެ ބޭނުންވިޔަސް ޖަވާބުދާރީކޮށް ޒިންމާދާރެއް ނުކުރެވޭނެ އެވެ.
ޕްރައިވަޓައިޒް ކުރުމުން ކޮންމެހެން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިސްރާފު ކުޑަކުރެވިގެނެއް ނުދެ އެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާވަނީކީ ވެސް ނޫނެވެ. ޕްރައިވަޓައިޒް ކުރުމުން ހިންގުމުގެ ބާރުތައް ބޮޑެތި ފައިސާވެރިންގެ އަތްމައްޗަށް ދިއުމުން ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ފުރުސަތެއް ނޯވެ އެވެ. އަދި ކަންކަން ނިންމާނީ ރައްޔިތުންގެ މަންފާއަށް ވުރެން ބޮޑަށް ކުންފުނީގެ ސާފު ފައިދާ ނުވަތަ ޕްރޮފިޓަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ.
ދިރާގުގެ 2019ގެ މާލީ ހިސާބުތައް ދައްކާ ގޮތުން 942 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނެވެ. މާނައަކީ މެޖޯރިޓީ ހިއްސާ އޮންނަ ބަހުރެއިންގެ ބަޓެލްކޯ ކުންފުންޏަށް 489 މިލިއަން ރުފިޔާ ލިބިފައިވުމެވެ. ބަޓެލްކޯއަކީ މޮނަކޯގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުން އެއްވެސް އިންކަމް ޓެކްސްއެއް ނުނަގަ އެވެ. މުވާސަލާތީ ގުޅުމަކީ އަސާސީ ހައްގެކެވެ. އެހެންނަމަވެސް ޕްރައިވަޓައިޒް ކުރުމުން މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު މި ކުންފުނިތަކަށް އޮވެ އެވެ. ލިބޭ ހިދުމަތުގެ ފެންވަރު ކިތަންމެ ދަށް ކަމުގައި ވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. އެފިޝަންސީގެ ނަޒަރަކުން ބަލާއިރު ވީ ކަމެއް ނެތެވެ. އިންތިހާއަށް ބޮޑެތި ފައިދާ ނަގައި މި ފަރާތްތައް މުއްސަނދިވަމުން ދާއިރު ހިދުމަތުގެ ފެންވަރު އެހާ ދަށެވެ. ރައްޔިތުން ކިތައްމެ ބޭނުންވި ކަމުގައި ވިޔަސް ސަރުކާރަކަށް މުއާސަލާތި ހިދުމަތުގެ އަގަކަށް ބާރެއް ނުފޯރުވެ އެވެ. މި ސަރުކާރުގެ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ނުފުއްދުނީ ވެސް މި ސަބަބާ ހެދި އެވެ. އަދި ޕެންޑެމިކްގެ ތެރޭ އާންމުންނަށް އެންމެ ދަތިވީ ވަގުތު ވެސް މުވާސަލާތީ ކުންފުނިތަކުން އަގުތައް ތިރިނުކޮށް ތިބެވެނީ ކުންފުނީގެ ވެރިންނަށް އެތައް ބައިވަރު ފައިދާއެއް ވާތީ އެވެ.
ސަރުކާރުން ހިންގާ ކުންފުނިތަކާއި ހިދުމަތްތަކާ މެދު ރައްޔިތުންނަށް އޮންނަ ބަސްބުނުމުގެ ޖާގަ އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރިއެއްގައި ނޯންނާނެ އެވެ. މިސާލަކަށް، މިފްކޯ ޕްރައިވަޓައިޒް ކުރުމުން މަސްވެރިކަމުގެ ސިނާއަތް އޮންނާނީ ޕްރައިވެޓް ކުންފުންޏެއްގެ އަތްމަތީގަ އެވެ. އެގޮތުން އެކުންފުންޏަށް މުޅި ސިނާއަތު ހަވާލުކޮށްފައި އޮއްވާ، ރާއްޖޭގެ ވަކި ހިސާބުތަކަކުން މަސް ކިރަައިގެން ލިބޭ ސާފު ފައިދާ ދަށް ކަމުގައި ވަނީ ނަމަ، އެ ހިސާބުތަކުގެ މަސްވެރިން ބާނާ މަސް ނުކިރާ ގޮތަށް ވެސް އެ ކުންފުންޏަށް ނިންމިދާނެ އެވެ. އަދި މިފަދަ ނިންމުމެއް ނިންމާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މުޖުތުމައުތަކަށް ކުރާނޭ އަސަރެއް އެކުންފުންޏަކުން ބަލާކަށެއް ނުޖެހޭނެ އެވެ. އަދި ރައްޔިތުންނަށް އެކަމާ ދެކޮޅަށް ކުރެވޭނޭ ކަމެއް ވެސް ނޯންނާނެ އެވެ.
އަދި ހަމަ މީގެ އިތުރުން، ފެނާއި، ނަރުދަމާ އަދި ކަރަންޓު ފަދަ ސިނާއަތްތަކަކީ އެކަމުގެ އަސާސުން ވެސް ނެޗުރަލް މޮނޮޕޮލީ (އެންމެ އިދާރާއަކަށް މަސައްކަތްކުރެވޭ) ސިނާއަތްތަކެކެވެ. އެއީ މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ އުމްރާނީ ވަސީލަތްތައް (ފެން ހޮޅި، ޖަންކްޝަން) ކޮންމެ ރަށެއްގައި ވެސް އެޅޭނީ އެންމެ ފަހަރަކު ވީމަ އެވެ. އާހިރު ނަތީޖާއަކީ އާންމު ހިދުމަތް ދޭ ސިނާއަތްތަކުގެ ބާރު މިދެވެނީ ވިޔަފާރިވެރިޔެއްގެ އަތްމައްޗަށެވެ. ރައްޔިތުންނަށް ލިބޭ ހިދުމަތް މިނެކިރާނީ ވިޔަފާރިޔަށް ލިބޭ އާމްދަނީ އާއި ސާފު ފައިދާގެ މައްޗަށް ބިނާކޮށެވެ.
ފެންނާން އޮތް ހަގީގަތަކީ ޕްރައިވަޓައިޒް ކުރުމުން އާންމު ރައްޔިތުންނަށް މަންފާ ނުވާކަމެވެ. މިސާލަކަށް ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަކީ ޕްރައިވެޓް ބޮޑެތި ފައިސާވެރިން އިތުރަށް މުއްސަނދި ކުރުވައި، މަސައްކަތްތެރިން އިތުރަށް ފަގީރުކުރުވާ ސިނާއަތެކެވެ. ވޭތުވެ ދިޔަ 48 އަހަރު ތެރޭ ޓުއަރިޒަމް ސިނާއަތުން ރައްޔިތުންނަށް ލިބުނު މަންފާއަށް ވުރެން އެތައް ގުނައެއް ޓުއަރިޒަމް ސިނާއަތް ކޮންޓްރޯލު ކުރާ ފަރާތްތަކަށް ލިބިފައިވެ އެވެ. މިހެން ވުމުގެ ސަބަބުން މި ފަރާތްތައް ދައުލަތަށް ވުރެން މުއްސަނދިވެ، ދައުލަތުގެ ތިން ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި، ޑިމޮކްރަސީއަށް ހުރަސް އަޅައި އިންތިހާބުތައް ކޮންޓްރޯލު ކުރެ އެވެ.
ޕްރައިވަޓައިޒް ކުރުމުން ވިޔަފާރިތައް ފުޅާވެ މުއްސަނދިވަނީ ބޮޑެތި ކޮރަޕްޝަނާއި ނުފޫޒު، ދައުލަތުގެ ބާރުތަކަށް އޮންނާތީ އެވެ. މިސާލަކަށް އެފްޕީއައިޑީ، އެއާ މޯލްޑިވްސް އަދި އެމްއެމްޕީއާރުސީގެ ބޮޑެތި ކަރަޕްޝަން ކޭސްތަކަށް އެކަނި ބަލާލުމުން ފުދެ އެވެ. ރާއްޖޭގައި ބޮޑެތި ކޮރަޕްޝަން މައްސަލަތައް މުއައްސަސާތަކުން ނުބެލި، ކޯޓުތަކާ ހަމައަށް ނުދާކަމީ ރައްޔިތުންނަށް އިންސާފު ނުލިބޭކަމުގެ އަލިގަދަ ހެކިތަކެވެ.
އަސާސީ ހިދުމަތްތައް ޕްރައިވަޓައިޒް ކުރުމުން ބޮޑެތި ފައިސާވެރިންނަށް ފައިދާވުމުގެ އިތުރުން މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަން ނައްތާލާ ފަންތިކުރުމަށް ޖާގަ އިތުރުވެގެންދެ އެވެ. މިސާލަކަށް ގިޔާސުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރުމުން ސްކޫލް ފީ އާއްމު ރައްޔިތުންނަށް އަތްފޯރާ ފަށަށް ވުރެން މާ ބޮޑެވެ. އެހެންކަމުން ގިޔާސުއްދީން ސްކޫލަށް ފޮނުވޭނީ ވަކި ފަންތިއެއްގެ ބަޔަކަށެވެ. މި ކަމުން ފައިދާވާނީ މި ސްކޫލަށް ދާ ކުދިންނަށެވެ. އަދި ފެންވަރު ރަނގަޅު ތައުލީމެއް ލިބި މުސްތަގުބަލުގައި ވަޒީފާގެ ފުރުސަތު ވެސް ލިބޭނީ މިފަދަ ސްކޫލްތަކަށް ދާ ކުދިންނަށެވެ. މިކަމުން ސަރުކާރު ސްކޫލްތަކުގެ ފެންވަރު ދަށްވެ ވަކި ފަންތިއެއް އުފެދި ތަފާތު ކުރުން އިތުރުވެ އެވެ.
ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވޭނީ ބައިނަލްއަގުވާމީ ބޮޑެތި މާލީ އިދާރާތަކުންނާއި ދޭދޭ ގައުމުތަކުން ނަގާ އިންޓްރަސްޓް ބޮޑެތި ލޯނުތައް މަދުކުރެވިގެނެވެ. ބޭކާރު ތަރައްގީ ގެނައުމުގެ ގޮތުން ފައިސާ ހޯދުމަށް ބޮންޑު ވިއްކައި ކްރެޑިޓަށް ފައިސާ ނެގުން މަދުކުރެވިގެނެވެ. ސިޔާސި މަންފާ ހޯދުމަށް ކުރާ އިސްރާފު ކުޑަ ކުރެވިގެނެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ބޭންކުތައް އިސްލާހުކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި މާލީ ކަންކަން ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ބައިވެރިވުމާ އެކު ގައުމުގެ މާލީ ކަންކަން ނިންމައިގެނެވެ. އަދި ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާ ރާއްޖެއަށް އެތެރެވާނެ މަގުތައް ކޮށައިގެނެވެ. މިހާރު ރާއްޖޭގައި ކުރާ ވިޔަފާރީގެ ވަރަށް ބޮޑު ބައެއް ގޮސް ވަންނަނީ ކުރިން ބުނެވުނެ ޓެކްސް ނުނަގާ ގައުމުތަކުގައި (އޮފް ޝޯ ޓެކްސް ހެވަން) ހުޅުވާފައި ހުންނަ ބޮޑެތި ފައިސާވެރިންގެ އެކައުންޓްތަކަށެވެ.
އެތައް ޒަމާނުއްސުރެން ރައްޔިތުން ކުރިއަރުވައި ފައްކާކުރި ކުންފުނިތަކާއި، ސިނާއަތްތަކާއި އަދި މުއައްސަސާތައް، ބޮޑެތި ފައިސާވެރިންނަށް ވިއްކާލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެންމެހާ ރައްޔިތުން މިކަމާ ދެކޮޅުހަދައި ކުރެވުނު ގޮތަކަށް ޖަދަލު ކުރާން ޖެހެ އެވެ. ރައްޔިތުންގެ އިގުތިސާދެއް ބިނާކުރެވޭނީ ހުރިހާ ރައްޔިތުންގެ ބަސްބުނުމާއި ބައިވެރިވުމާ އެކު ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރެވިގެނެވެ. ސިނާއަތްތަކުގެ ކޮންޓްރޯލު ރައްޔިތުންގެ ބާރުގެ ދަށަށް ގެނެސް، މަސައްކަތްތެރިންގެ ޑިމޮކްރެޓިކް ޔޫނިއަންތަކަށް ފުރުސަތުދެވި އަދި ހަމަޖެހޭ ދިރިއުޅެމެއް އުޅެވޭނެ ވަރުގެ ލިވިން ވޭޖެއް ގާއިމު ކުރެވިގެނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ދޭދޭ ގައުމުތަކަށް ދައްކާން އޮތް ބޮޑެތި ދަރަނިތައް މައާފް ކޮށްދިނުމަށް ގޮވާލައި ގޮވާލުންތަކުގައި ބައިވެރިވެގެނެވެ.
އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ.