ގްރާންޑޭ ދޫކޮށް އާއްކޮ ވެލެންސިއާ އަށް
ގްރާންޑޭ ދޫކޮށް އާއްކޮ ވެލެންސިއާ އަށް

މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

ވެލެންސިއާގެ އޮފިޝަލަކު "މިހާރު" އަށް ބުނީ އާއްކޮ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ފިޓްނަސް ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ޓީމު ލިސްޓުގައި ވެސް އޭނާ ހިމަނާފައިވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އާއްކޮ އެންމެ ފުރަތަމަ ފުރަތަމަ ޑިވިޝަނަށް އައިސް ވެލެންސިއާ ޕްރެކްޓިސްތަކުގައި ބައިވެރިވި ނަމަވެސް އޭނާ ކުޅުން ފެށީ ކްލަބް އީގަލްސް އިންނެވެ. އީގަލްސްގައި 2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުން ފާހަގަވި އާއްކޮ އަށް އެ ފަހަރު ސީނިއާ ޓީމުން ވެސް ވަނީ ފުރުސަތު ދީފަ އެވެ. އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކުން އޭނާ ހޯދަން އޭރު ޝައުގުވެރިވި އެވެ.

އާއްކޮ އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2015 ވަނަ އަހަރު އެއްބަސްވުން ދާއިމީކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ މައްސަލަތަކާ ހުރެ މާޒިޔާގެ ފަހު އަހަރުތަކުގައި އާއްކޮ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.

މާޒިޔާ ދޫކޮށް އާއްކޮ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އަށް ބަދަލުވުމަށް ފަހު އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި އެ ޓީމުގައި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ދަ ގްރާންޑޭ ފަހުން ކުޅުނު މެޗުތަކުގައި އާއްކޮ ނުފެނެ އެވެ.

ކްލަބް ލެވެލްގެ އިތުރުން އާއްކޮ ވަނީ އުމުރުފުރާ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގައި ވެސް މުހިއްމު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަކީ 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ. އަދި ރާއްޖޭގެ ސީނިއާ ޓީމުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް އާއްކޮ ކުޅުނެވެ.

އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވެލެންސިއާ އަކީ މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ ސްކޮޑެއް އެކުލަވާލި އެއް ޓީމެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި ސީޒަނަށް އާ ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ވެލެންސިއާ އިން އަންނަނީ ރަނގަޅަށް ތައްޔާރުވަމުންނެވެ.

އެފްއޭއެމުން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޝެޑިއުލްގައިވާގޮތުން އާ ސީޒަނުގައި ވެލެންސިއާ އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކްލަބް ގްރީންސްޓްރީޓްސްއާ އެވެ.