23 ނޮވެމްބަރ 2020 - 11:03

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިއިރު އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ދައުލަތާ އެކު ޕްލީ ބާގެއިން އެއްބަސްވުމެއް ހަދައި 32 ދައުވާ އަށް އެއްބަސްވެ ޖޮއިންޓް ތަހުގީގަށް އެއްބާރުލުން ދޭން ނިންމައިފި އެވެ.
ޅ. މާބިން ހުރާ މައްސަލައިގައި ޒިޔަތު އަށް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ފެށުމާ އެކު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ ޖަލު ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންދަން އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެފަދަ ސިޓީއެއް ފޮނުވިންތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ޒިޔަތު ވަނީ ސިޓީ ފޮނުއްވި ކަމަށް ވިދާޅުވެފަ އެވެ.
އެއީ އަމިއްލަ އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުއްވި ސިޓީއެއް ކަމަށާއި އެއީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ނިންމެވި ގޮތެއް ކަމަށް ވެސް ވިދާޅުވި އެވެ. އެފަދަ އިއުތިރާފް އެއްބަސްވުމެއްގެ ނަތީޖާ އެނގިވަޑައިގަންނަވާތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ޒިޔަތު ވަނީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޒިޔަތުގެ އިސްތިއުނާފު ރައްދުވާ ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާ އަށް އޭނާ އެއްބަސްވެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފަކީ ވެސް އެކަމާ ގުޅުން ހުރި މައްސަލައަކަށް ވާތީ، ދައުވާ އަނބުރާ ގެންދިއުމުގައި އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި ކުރި ދައުވާތަކަށް އެއްބަސްވެ، ޚިޔާނާތުގައި ޒިޔަތާ އެކު އިސްކޮށް ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ ދަށުން އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.