23 ނޮވެމްބަރ 2020 - 11:00

ބ. ތުޅާދޫ ސްކޫލަށް ބައި ގަރުނެއްހާ ދުވަހު ހިދުމަތްކުރެއްވި އެ ރަށުގެ މަޝްހޫރު ގުރުއާން މުދައްރިސް އިބްރާހިމް ހުސެއިންފުޅު ރޭ އަވަހާރަވެއްޖެ އެވެ.
އުމުރުން 75 އަހަރުގައި އިބްރާހިމްފުޅު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރޭގެ ވަގުތެއްގަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
އިބްރާހިމްފުޅަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ ބައްޕަ އެވެ. އިބްރާހިމްފުޅުގެ ނުވަ ބޭފުޅުންގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ ދިވެހި އަދަބިއްޔާތުގެ ތަރި އަންވަރު އިބްރާހީމެވެ. އަމީނާއި އަންވަރު ވެސް ވަނީ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ޒުވާނުންގެ ގައުމީ އިނާމް ހާސިލްކުރައްވައިފަ އެވެ. އަދި އިބްރާހިމްފުޅުގެ ހަގު ދަރިފުޅު އަންސަރު އިބްރާހިމް ވަނީ 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ.
ރ. މީދޫ އަށް އުފަން އިބްރާހިމްފުޅު ތުޅާދޫ ވަރަށް ޒުވާން އުމުރެއްގައި ތުޅާދޫގައި ވަޒަންވެރިވެވަޑައިގެން އެ ރަށުގެ ކުޑަކަތީބުކަމާއި ކާޑުގުދަނުގެ ވެރިކަމާއި މުދިމުކަން ވެސް ކުރެއްވި އެވެ. އެންމެ ގިނަ ދުވަހު، އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރެއްވީ ސްކޫލަށެވެ.
އެންމެ ފުރަތަމަ ހުރިހާ މާއްދާއެއް ކިޔަވައިދެއްވި ނަމަވެސް ފަހުން ހާއްސަވެވަޑައިގަތީ ގުރުއާން މުދައްރިސަކަށެވެ. އަދި އަމިއްލަ ގޭގައި ގުރުއާން ކިލާހަކާއި ގުރުއާން ކްލާސް ހިތު ދަސްކުރާ ކިލާހެއް ހިންގަވައި އެއްވެސް އަގެއް ނުގަންނަވައި ކުދިންނަށް ކިޔަވައިދެއްވި އެވެ.
އަދި ވޮކޭޝަނަލް އެޑިއުކޭޝަނަށް ހާއްސަކޮށްގެން ދަރިވަރުންނަށް މަސައްކަތު ދުވަހެއް ބާއްވަވައި މަސައްކަތްތައް ދަސްކޮށްދެއްވި އެވެ. ކުދިން ނަމާދަށް ފަރުވާތެރިކުރުވުމަށް ސަފު ހައްދަވައިގެން މިސްކިތަށް ގެންދިއުމާއި މިސްކިތުން ހާޒިރީ ނެގުމާއި ކުދިންނަށް ނަމާދުގައި ކިޔާ އެއްޗެހި ދަސްކޮށްދިނުމުގެ ބުރުތަކެއް ބޭއްވެވި އެވެ.
"އަޅުގަނޑަށް އެންމެ ފާހަގަކުރެވެނީ ކިޔަވައިދެއްވުމާ އެކު، ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމަށް ގެންގުޅުއްވި ހަރުދަނާ އުސޫލު. ގަޑިއަށް ފަރުވާތެރިވުމާއި މީހުންގެ ތެރޭގައި އުޅެންވާނެ ރީތި އާދަތައް ދަސްކޮށްދެއްވި،" އިބްރާހިމްފުޅުގެ ދަރިވަރު އަހުމަދު ރިފާއު ބުންޏެވެ.
ތުޅާދޫ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިބްރާހިމްފުޅަކީ ވަކިން ހާއްސަކޮށް ކީރިތި ގުރުއާން އުގަންނަވައި ދެއްވުމާއި ދީނީ ގޮތުން ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގައި ފުރިހަމަ ނަމޫނާ ދެއްކެވި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށައި އަދި ދަރިވަރުންނާއި ބެލެނިވެރިންގެ އިހްތިރާމާއި ލޯބި ހޯއްދެވި ނަމޫނާ އުސްތާޒެއް ކަމަށެވެ.
"އިބްރާހިމްފުޅަކީ ކިޔަވައދިނުމުގައި ކުދިންގެ އަހުލާގު ބައްޓަންކުރެއްވުމުގައި ވަރަށް ރަނގަޅު އުސޫލުތަކެއް ގެންގުޅުއްވި ބޭފުޅެއް،" އިބްރާހިމްފުޅުގެ ގާތް އެކުވެރިޔާ އަދި އެ ރަށު ސްކޫލުގެ ކުރީގެ ނާޒިރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ކުޅަދާނަ އަދީބު އާދަމް ނަސީރު އިބްރާހިމް ފޭސްބުކުގައި ލިޔުއްވި ގޮތުގައި އިބްރާހިމް ފުޅަކީ ތުޅާދޫގެ ކުދިބޮޑު އެންމެން ނިހާޔަތަށް ގަދަރުކުރާ ޝަހުސިއްޔަތެއް ކަމަށާއި އޭނާ މަގެއްމަތީން ހިންގަވާފައި ވަޑައިގަންނަވިކޮށް ކުރިކަނޑާ ދިއުމެއް އަޑުވީއްލާ އެއްޗެއް ބުނުމެއް ނޯންނަ ކަމަށެވެ.
"އިބްރާހިމްފުޅުގެ ކިބައިން އަބަދުވެސް ފެންނަނީ ދީންވެރި މަޑުމައިތިރި މިޒާޖެވެ. މުރާލިކަމާއި ކަމަށް ކަމޭހިތްތެވުމެވެ. އަދަބުވެރިކަމަށް ލޯބިކުރެއްވުމެވެ. ނިކަން ހަރުދަނާ ނަމޫނާ މުރައްބީއެކެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.