ލެސްޓާ ބަލިކޮށް ލިވަޕޫލް ދެ ވަނަ އަށް
ލެސްޓާ ބަލިކޮށް ލިވަޕޫލް ދެ ވަނަ އަށް

ލިވަޕޫލް (ނޮވެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެރޭގެ ނަތީޖާތަކަށް ފަހު ލިވަޕޫލް ހަތަރު ވަނަ އަށް ވެއްޓިފައި ވަނިކޮށް ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމު ވަނީ ލީގުގެ އެއް ވަނައިގައި އޮތް ޓޮޓެންހަމާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ލިވަޕޫލާއި ޓޮޓެންހަމަށް ވެސް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުން ކުރިލިބެނީ ޓޮޓެންހަމަށެވެ. ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރެއްގައި އޮތް ލެސްޓާ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލުން ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު ރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް އޮތް ހިތްހަމަޖެހުމަކީ ފަބީނިއޯ އެނބުރި އައުމެވެ. ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި އެ ޓީމުން ލީޑުނެގި ގޯލަކީ މެޗުގެ 21 ވަަނަ މިނިޓްގައި ލެސްޓާގެ ޖޯނީ އެވަންސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހާވީ ބާންސް ލެސްޓާ އަށް ލަނޑެއް ޖަހައިދިނުމާ ގާތަށް ދިޔަ ނަމަވެސް ލިވަޕޫލް ގޯލަށް މާ ބޮޑަށް ނުރައްކާ ކުރެވިފައެއްނުވެ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑުފުޅާކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޑިއޯގޯ ޔޮޓާ އެވެ. މެޗުގެ 41 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ޔޮޓާ މި ގޯލު ޖެހީ ބޮލުންނެވެ. މި ގޯލާ އެކު ޔޮޓާ ވެފައިވަނީ ލިވަޕޫލްގެ ތާރީހުގައި އެ ޓީމާ އަލަށް ގުޅުމަށް ފަހު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. ޔޮޓާ ރޭ ކުޅުނީ މުހައްމަދު ސަލާހު ކުޅޭ ފަޅިންނެވެ. ސަލާހު ރޭގެ މެޗުގައި ނުފެނުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. އެކަމަކު ރޭ ކުރި ޓެސްޓުން އޭނާ ނެގެޓިވްކަމަށް ދެއްކުމުން ވަރަށް އަވަހަށް ޓީމާ ގުޅެން ފުރުސަތު ލިބޭނެ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ފޮނުވާލި ދެ ހަމަލާއެއް ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް މަތަކުރިއިރު، ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ފިރްމީނޯ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިނުވެ އަމިއްލަ ދަނޑުގައި 64 މެޗު ހަމަކޮށްފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ފަހަރު ލީގުގައި ރަށުންބޭރުގައި ހުރިހާ މެޗަކުން މޮޅުވަމުން އައި ލެސްޓާ ލަނޑެއް ޖެހިޔަނުދީ އެ ޓީމު އަތުން ލިވަޕޫލް މޮޅުވުމެވެ.

ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި އާސެނަލް ވަނީ ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑާ 0-0 އިން އެއްވަރުވެފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި އާސެނަލްގެ ނިކޮލަސް ޕެޕޭ އަށް ރަތް ކާޑެއް ދެއްކީ ލީޑްސްގެ އެޒްގްޔާން އަލިއޯސްކީއާ ދެމެދު ހިނގި ހަމަނުޖެހުމަކަށް ފަހު އެވެ. މި މެޗުގައި ލީޑްސް މޮޅުކޮށްދޭން އެ ޓީމުގެ ރޮޑްރީގޯ މޮރޭނޯ އާއި ރަފީނިއާ އަދި ޕެޓްރިކް ބަމްފޯޑް ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރެލިގޭޝަންގައި އޮތް ފުލަމް އަތުން އެވަޓަން ވެސް ވަނީ 3-2 އިން އުނދަގޫ މޮޅެއް ހޯދައިފަ އެވެ. އެވަޓަންގެ ލަނޑުތައް ޖެހީ ޑޮމިނިކް ކަލްވެޓް-ލެވިން ދެ ގޯލުގެ އިތުރުން އަބްދުﷲ ޑޮކޫރޭ އެވެ. ފުލަމްގެ ދެ ގޯލު ޖެހީ ބޮބީ ޑިކޯޑޮވާ ރީޑް އާއި ރިބެން ލޮފްޓަސް ޗީކް އެވެ.

ރޭގެ މޮޅާ އެކު އެވަޓަން ވަނީ ނުވަ މެޗުން 16 ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އާސެނަލް އޮތީ ނުވަ މެޗުން 13 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.