23 ނޮވެމްބަރ 2020 - 11:47

ވޮޝިންޓަން (ނޮވެމްބަރު 23) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑަންގެ ކެބިނެޓަށް ހަމަޖައްސަވާ ބޭފުޅުން މާދަމާ އިން ފެށިގެން އިއުލާން ކުރަމުން ގެންދަވާނެ ކަމަށް އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް ރޮން ކްލެއިން ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ބައިޑަން އަށް އެއްބާރުލުން ވެސް ނުދެއްވަ އެވެ. ޓްރަމްޕް ބަލި ގަބޫލް ނުކުރެއްވި ނަމަވެސް އެމަނިކުފާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސީނިއާ މެންބަރުން ވެސް މިހާރު ގެންދަވަނީ ޓްރަމްޕް ބަލި ގަބޫލް ކުރައްވަން ގޮވާލައްވަމުންނެވެ.
"އިންތިޚާބީ ރައީސްގެ ކެބިނެޓުގައި ހިމެނޭ ނަންތައް އަންގާރަ ދުވަހުން ފެށިގެން އިއުލާން ކުރަމުން ދާނެ،" އޭބީސީގެ "ދިސް ވީކް" ގައި ވާހަކަ ދައްކަވަމުން ކްލެއިން ވިދާޅުވި އެވެ.
ޖެނުއަރީ 20 ގައި ބައިޑަން ހުވާ ކުރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު ޓްރަމްޕުގެ ކޭމްޕުން ގެންދަނީ ސްވިންގް ސްޓޭޓްތަކުގެ ވޯޓް ސެޓިފައިކުރުން ލަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.
"ޓްރަމްޕް އެ ގެންދަވަނީ ޑިމޮކްރެސީއާ ދެކޮޅު ހައްދަވަމުން. ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލަ އަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން،" ކްލެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެނުއަރީ 20 އާ ހަމައަށްދާއިރު އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށާއި ވެރިކަމުގެ ހުވާ ދެން ކުރައްވާނީ ބައިޑަން ކަމަށެވެ.