ޓްރަމްޕަށް ދިން ކޮވިޑުގެ ފަރުވާ އަށް ހުއްދަ ދީފި
ޓްރަމްޕަށް ދިން ކޮވިޑުގެ ފަރުވާ އަށް ހުއްދަ ދީފި

ވޮޝިންޓަން (ނޮވެމްބަރު 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮވިޑް-19 ޖެހުމުން، އަޖުމަ ބެލުމުގެ ގޮތުން ދިން އެންޓިބޮޑީ ފަރުވާ އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފި އެވެ.

ރެޖެނެރޮން ބޭސް ދޭނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ރިސްކް ބޮޑު މީހުންނަށެވެ. އެ ކުންފުނިން ބުނެފައި ވަނީ ތެރަޕީ ކާމިޔާބު ވަނީ ބަލީގެ ކުރީކޮޅު ދިނުމުން ކަމަށެވެ. ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދިން އިރު ރެޖެނެރޮންގެ ފަރުވާގެ ކާމިޔާބުކަމާ މެދު އިތުރު ދިރާސާތައް ދަނީ ހަދަމުންނެވެ. އެފްޑީއޭ އިން ބުނީ ރެޖެނެރޮންގެ ފަރުވާ ހޮސްޕިޓަލްގައި ތިބި ކޮވިޑްގެ ބަލި މީހުން ނުވަތަ އޮކްސިޖަން ދޭން ޖެހޭ މީހުން ބޭނުންކުރުމުގެ ހުއްދަ ނުދޭ ކަމަށެވެ.

އެމެރިކާގައި ބޭސް އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ އެލި ލިލީން އުފެއްދި، ކޮވިޑް-19 ގެ މިފަދަ އެހެން ބޭހަކަށް މި މަހު ކުރީކޮޅު ވަނީ ހުއްދަ ދީފަ އެވެ.

ރެޖެނެރޮން އިން ބުނީ މި މަސް ނިމޭއިރު 80،000 މީހުންނަށް ދެވޭ ވަރަށް ޑޯޒް އެބަހުރި ކަމަށާއި ޖެނުއަރީ ނިމޭއިރު 300،000 މީހުންނަށް ދެވޭ ވަރަށް ޑޯޒް އުފެއްދޭނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ކޮވިޑް-19 އަށް ޓްރަމްޕް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދީފަ އެވެ.

އެމެރިކާގައި މިހާތަނަށް 12 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު 260،000 މީހުން ވަނީ މަރުވެފަ އެވެ.