ކޮވިޑް-19: 1،763 ސާމްޕަލުން 30 ޕޮޒިޓިވް ކޭސް
ކޮވިޑް-19: 1،763 ސާމްޕަލުން 30 ޕޮޒިޓިވް ކޭސް

މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ހޭދަވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރި 1،763 ސާމްޕަލުން ޕޮޒިޓިވްވީ 30 ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކޮވިޑްގެ ކޭސްތައް ކުޑަކޮށް ދަށަށް ޖެހިލާފައި މި ވަނީ ބޮޑު ތިން ކްލަސްޓާއަކުން ފެނުނު ކޭސްތަކާ އެކު ކޮންމެ ދުވަހަކު 100 އާ ގާތްކުރާ އަދަދަކަށް ކޭސްތައް ފެނުމަށް ފަހުގަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިންނެވެ. އަދި 27 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ދެން ތިބި މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެހެންވެ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،608 އަށް މިހާރު ވަނީ އަރައިފަ އެވެ. އެކަމަކު 11،500 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅުވެފައިވާތީ މިހާރު ފަރުވާ ދެމުން ދަނީ 956 މީހަކަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، ބައްޔަށް ޕޮޒިޓިވް ކަމަށް ބަލާފައިވާ އަދަދުގައި، ކޮވިޑް ޖެހިފައި ވަނިކޮށް މަރުވި އެކަމަކު، ކޮވިޑް މަރެއް ކަމުގައި ނުބަލާ ހަތް މީހަކު ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 46 މީހަކު މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މިއަދުގެ މަރާ އެކު ކޮވިޑްގައި މި މަހު މަރުވި މީހުންގެ އަދަދު ވަނީ 8 އަށް އަރައިފަ އެވެ.

މާލެ ފިޔަވައި 12 ރަށެއްގަ އާއި 31 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އުޅެ އެވެ. އަދި 54 ޓޫރިސްޓަކާއި ރިސޯޓްތަކުން 155 ސްޓާފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.