22 ނޮވެމްބަރ 2020 - 21:06

ވައްކަމުގެ ތުހުމަތެއްކޮށް، މީހަކު ބަރަހަނާކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދޯންޏެއްގެ ތެރެއަށް ޒުވާނަކު ވައްޓާލައި، އޭނާ ބަރަހަނާކޮށް އަދި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު ރޭ ހުޅުމާލޭ ކަންނެލި ޖެޓީގައި އޮތް ދޯންޏެއްގައި ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވީޑިއޯގައިި ފެންނަ ގޮތުން އޭނާ ދޯނި ތެރެއަށް ވައްޓާލުމުގެ އިތުރުން، ވަގަށް ނެގި ކަމަށް ތުހުމަތުކުރާ ތަކެއްޗާ ބެހޭގޮތުން އޭނާއާ 10 ވަރަކަށް މީހުން ވެގެން ސުވާލުކުރެ އެވެ. އަދި ކޮޅުފައިންނާއި ލަޓިބުރިން ވެސް އޭނާއަށް އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
މީގެކުރިން ވެސް ވައްކަމުގެ ތުހުމަތުކޮށް، ބައެއް މީހުންނަށް އާންމުން އަނިޔާކޮށްފައިވެ އެވެ.