ދިރާގާއި ފޯޓިނެޓް ގުޅިގެން ސައިބަ ސެކިއުރިޓީ ވެބިނާއެއް ބާއްވައިފި
ދިރާގާއި ފޯޓިނެޓް ގުޅިގެން ސައިބަ ސެކިއުރިޓީ ވެބިނާއެއް ބާއްވައިފި

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން ސައިބަ ސެކިއުރިޓީ އާ ބެހޭ ވެބިނާއެއް ދިރާގާއި ފޯޓިނެޓް ގުޅިގެން ބާއްވައިފި އެވެ.

"ފްރޮމް ސެކިއުރިޓީ ޓު ޓްރަސްޓް" ގެ ނަމުގައި މި ވެބިނާ ބާއްވާފައިވަނީ ދިރާގު "އެއްވުން" ޕްލެޓްފޯމުގަ އެވެ. މި ވެބިނާގައި ގްލޯބަލް ސެކިއުރިޓީ ޓްރެންޑްސް އާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ގޭގައި މަސައްކަތް ކުރުމުން ސައިބަ ސެކިއުރިޓީ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާއި، އެ ނުރައްކާތަކުން ކުންފުނިތަކާއި މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ވެބިނާގެ ކީނޯޓް ދީފައިވަނީ ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީސީއެސް ޕްރައިވެޓް ލިމިޓެޑް އަދި އައިއައިއެޗްޓީ ސްރީލަންކާގެ ޑިރެކްޓަރު އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑާ ޝިހާން އަނޮން އެވެ. ޝިހާން އަކީ "ސޭންސް" ސެޓިފައިޑް ސެކިއުރިޓީ މާހިރެކެވެ. އޭނާ ވަނީ ދުނިޔޭގައި އެނބުރެމުން އަންނަ ނުރައްކާތެރި ސައިބާ ހަމަލާތަކާ ބެހޭ މައުލޫމާތު އުނގެނި، އެކަންތައްތަކުން ރައްކާތެރިވެ، ހޭލާ ތިބުމުގެ މުހިންމު ކަމާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.

ޝިހާންގެ އިތުރުން މި ވެބިނާގައި ސަބްޖެކްޓް އެކްސްޕާޓެއްގެ ގޮތުގައި ފޯޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއާ ކްރިޝްނަން ރާޖަގޮޕްލަން ވެސް ވަނީ މައުލޫމާތު ދީފަ އެވެ. އޭނާއަކީ ވެސް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ.

ދިރާގުން ވަނީ މި ވެބިނާގައި އެ ކުންފުނީގެ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް (ސިއެމް) އަދި ބެކަޕް އެންޑް ރިކަވަރީ ސޮލިއުޝަނާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ. ދިރާގު ސިއެމް އަކީ ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ކަހަލަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، އެފަދަ ނުރައްކާތައް ދުރާލައި އަންގައިދީ އެކަމުން ސަލާމަތް ވާން މަގު ފަހިކޮށްދޭ ނިޒާމެކެވެ.

އެ ކުންފުނީގެ ބެކަޕް އަދި ރިކަވަރީ ސޮލިއުޝަނަކީ ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ އަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތަކީ ކްލައުޑް ބޭސްޑް ބެކަޕް ހިދުމަތަކަށްވުމުން ކަސްޓަމަރުންގެ އެންމެ މުހިންމު އައިޓީ ސިސްޓަމްތަކުގެ ޑޭޓާ ރައްކާތެރިވެ، ސާވާ ކްރޭޝްވުން ފަދަ ކަމެއް މެދުވެރި ވެއްޖެ ހާލަތެއްގައި އެ ސިސްޓަމްތައް އެންމެ ފަހުން ހުރި ހާލަތަށް އަވަސްގޮތެއްގައި އަދި ރައްކާތެރިކަމާއެކު އިޔާދަކުރުމަށް މަގުފަހި ވެގެން ދާނެ އެވެ.

ދިރާގު ޑިރެކްޓާ، ކަސްޓަމާ ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ މި ވެބިނާ ބޭއްވީ އެ ކުންފުންޏާއި ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސައިބަ ސެކުރިޓީގެ މުހިންމުކަމާއި، ސައިބަ އެޓޭކްތަކުން ރައްކާތެރިވުމުގަށް ދުރާލާ ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކަމަށެވެ.