ރިޒާވާއި ދަރަންޏާ ބެހޭ ގޮތުން ރައީސްގެ ވާހަކަފުޅު ރަނގަޅުތަ؟
ރިޒާވާއި ދަރަންޏާ ބެހޭ ގޮތުން ރައީސްގެ ވާހަކަފުޅު ރަނގަޅުތަ؟

ދައުލަތުގެ ރިޒާވާއި ދައުލަތުގެ ދަރަނި ހުރި މިންވަރާ ބެހޭ ގޮތުން މިދިއަ ބުރާސްފަތިދުވަހު ހޯރަފުށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅު ގޯސްކަމަށް ބުނެ، އިދިކޮޅާއި އާންމުންގެ ބައެއް މީހުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 26 ބިލިއަން ރުފިޔާގައި އޮތް ދައުލަތުގެ ދަރަނި އެމަނިކުފާނުގެ ސަަރުކާރު 2018 ގައި ބަދަލުވި އިރު 60 ބިލިއަަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.

މިއީ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްވެސް ވާހަކަފުޅެއްގައި އައި އަަދަދެއް ނޫނެވެ. މިދިއަ އަހަރުގެ ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވީ 2018 ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 47.9 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންކަމުން އެ ދަރަނި 60 ބިލިއަން ރުުފިޔާއޭ ވިދާޅުވުމުން އެއީ އޮޅުވާލުމެއް ކަމަށް، އިދިކޮޅުގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން ރައީސް އެ ވިދާޅުވި އަދަދު ދިމާވާ އެހެން ގޮތްތަކެއް އެބަަ ހުއްޓެވެ: އެއީ ކުރީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި ހުރި ލޯނުުތައް، ދައުލަތުގެ ދަރަނީގެ ގޮތުގައި ބެލުމެވެ. ކުރީ ސަރުކާރުގެ ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދީގެން ބޮޑެތި ލޯނުތަކެއް ނަގާފައިވެ އެވެ. މިސާލަކަށް ހިޔާ މަޝްރޫއުގެ 7000 ފްލެޓް އެޅުން ފަދަ ކަންކަމަށް ހޭދަކުރީ އެޗްޑީސީ އަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއެއްގެ ދަށުން ފައިސާ ހޯދައިގެންނެވެ.

ޓޫރިޒަމްގެ ވިޔަފާރިވެރިޔާ އަދި ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ސަން ޓްރެވަލް އަހުމަދު ސިޔާމްގެ ކުންފުންޏަކަށް ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން އެމެރިކާ ޑޮލަރު (2 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނީ ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީއާ އެކުގަ އެވެ. އެ ލޯނުގެ އެއް ޕޭމަންޓަށް ވާ 10 މިލިއަން ޑޮލަރު ދައްކާ މުއްދަތު ހަމަވުމުން ސަރުކާރުން އެ ދައްކަން ޖެހޭ ހިސާބަށް ވެސް ދިޔަ އެވެ. އެހެންކަމުން ސޮވެރިން ގެރެންޓީއަކީ ލޯނު ނުދެއްކޭ ގޮތް ދިމާވެއްޖެ ނަމަ އޭގެ ޒިންމާ ދައުލަތުން ނަގަން ޖެހޭ ކަމެކެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ސޮވެރިން ގެރެންޓީތައް ލައިގެން، މިދިއަ ސަރުކާރު ނިމުނު އިރު، ދައުލަތުގެ ދަރަނި ހުރި ނިސްބަތް 60.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، ހޯރަފުށީ އެއާޕޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ވާހަކަފުޅު ދެއްކެވީ ދައުލަތުގެ ރިޒާވާ ބެހޭ ގޮތުންނެވެ. އެކަމަކު އެ ވާހަކަފުޅު ވެސް ނިސްބަތްކުރެއްވީ ކުރީ ސަރުކާރަށެވެ. އެމްއެމްއޭގައި ދައުލަތުގެ ޑޮލަރު ދެ ރިޒާވެއް އޮންނަ އިރު ރައީސް ވިދާޅުވީ 250 މިލިއަން ޑޮލަރުގެ ރިޒާވެއްގެ ވާހަކަ އެވެ.

"[ސަރުކާރާ ހަވާލުވި އިރު ރިޒާވުގައި] 250 މިލިއަން ޑޮލަރު ހުރީ. ދެން ކިހިނެއްތޯ ކަންތައްތައް ކުރާނީ؟ މި ދަތި ހާލުގައި ވެސް އަޅުގަނޑުމެންގެ ރިޒާވުގައި މިހާރު ވެސް ހުންނާނެ 250 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

އެކަމަކު މިހާ ހިސާބުން، އެމަނިކުފާނުގެ އެ ވާހަކަފުޅަކީ "އޮޮޅުވާލުމެއް" ކަމަށް ދެކޭ މީހުންގެ ހަނދާނަށް އަންނާނީ ކުރީގެ އެހެން ހަފުލާއެއްގައި 2018 ނިމުނު އިރު ދައުލަތުގެ ރިޒާވްއާ ބެހޭ ގޮތުން ވިދާޅުވި ވިދާޅުވުމެވެ. އެފަހަރު އެމަނިކުފާނު ވިދާޅުވެފައި ވަނީ 2018 ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 757.8 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އެ އަދަދާ އެކު، ޔޫސެބުލް ރިޒާވްގެ މިންވަރު ވެސް އެފަހަރު ގެންނެވި އެވެ. އޭރު އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔޫސެބްލް ރިޒާވްގައި 281 މިލިއަން ޑޮލަރު އެބަ ހުއްޓެވެ.

ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ކުރީ ސަރުކާރު ނިމުނު އިރު ހުރީ 250 މިލިއަން ޑޮލަރު ކަމަށް ވިދާޅުވުމުގައި ތަފާތެއް ފެނެ އެވެ. އެނގިފައިވާ ގޮތުގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޔޫސަބުލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން ޑޮލަރެވެ. އެހެންކަމުން އެމަނިކުފާނު ވިދާޅުވި އަދަދުގައި 30 މިލިއަން ޑޮލަރު އުނިވެ އެވެ.

އަނެއްކޮޅުން އެ ވާހަކަފުޅުގައި ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި މިންވަރު ވިދާޅެއްނުވެ އެވެ. އެކަމަކު މިދިއަ ބުރާސްފަތިދުވަހު އެ ބައި އުނިކުރެއްވިޔަސް ނުވަތަ ވާހަކަފުޅުން ކަައްސާލިޔަސް، ޕީޕީއެމްގެ ސަޕޯޓަރުން އަޅާނުލާފާނެ ގޯހެއް މިދިއަ އަހަރު އެމަނިކުފާނަށް ވިދާޅުވެވުނެވެ. ހަގީގަތުގައި ޕީޕީއެމް ސަރުކާރު ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 757 މިލިއަން ޑޮލަރެއް ނޫނެވެ. ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭރު ރަސްމީ ރިޒާވްގެ ޖުމްލައަކީ 712 މިލިއަން ޑޮލަރެވެ. އެހެންކަމުން އެފަހަރު ރައީސް ވިދާޅުވެފައި އެ ވަނީ 45 މިލިއަން ޑޮލަރު ގިނަކޮށެވެ.

ރަސްމީ ރިޒާވަކީ ރާއްޖޭގައި ހިންގާ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރު ލައިގެން މުޅި ސެކްޓާގައި ހުންނަ ޑޮލަރުގެ އަދަދެވެ. ޔޫސެބަލް ރިޒާވަކީ އެ ވަގުތަކު ބޭނުންކުރެވޭ ގޮތަށް އެމްއެމްއޭގައި ހުންނަ ޑޮލަރުގެ އަދަދެވެ.