އަމިއްލަ ބަނޑުން ވިހޭ ދަރިންނާ ޑީއެންއޭ ދިމައެއް ނުވި
އަމިއްލަ ބަނޑުން ވިހޭ ދަރިންނާ ޑީއެންއޭ ދިމައެއް ނުވި

އަންހެނަކަށް އޭނާގެ ބަނޑުން ވިހޭ ދަރިންގެ މަންމައަކީ އޭނާ ނޫން ކަމަށް ޓެސްޓުތަކުން ދެއްކުމުން ހަދާނެގޮތް ހުސްވި އެވެ. އޭރު އޭނާ އިނީ ތިން ވަނަ ދަރިފުޅަށް ބަލިވެ އެވެ. އަދި ފިރިމީހާ ކައިރިން ވަރިވެ ދަރިން ގޮވައިގެން އެމީހާ އުޅެމުންދިޔައީ އެކަންޏެވެ.

އޭނާ ގެންގުޅޭ ކުދިންނަކީ ތަނަކުން ވަގަށް ނަގައިގެން އުޅޭ ކުދިން ނޫން ކަމާއި އެއީ ހަމަ އޭނާ ވިހޭ ކުދިންކަން ލީޑިއާ ފެއާޗައިލްޑަށް ކޯޓުގައި ވެސް ސާބިތުކޮށްދިނުން ވީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް އޭނާއަކީ "ކައިމެރޭ" ކިޔާ ޒާތުގެ މީހެއްކަން އޭނާ ކޯޓުގައި އެންމެ ފަހުން ސާބިތު ކޮށްދޭން ޖެހުނެވެ. ކައިމެރާ މީހުންގެ ހަށިގަނޑުގައި ޑީއެންއޭގެ ދެސެޓު ހުރެ އެވެ. އެއިން އެކައްޗަކީ އޭނާގެ ނުއުފަންނަ އެއްމާބަނޑު ކުއްޖެއްގެ ޑީއެންއޭ އެވެ.

މިފަދަ މީހުންގެ ދެ ބްލަޑް ޓައިޕެއް ހުރެ އެވެ. ފެއާޗައިލްޑަށް އޭނާގެ ހަށިގަނޑުގައިވާ ލޭގައި މައްސަލަތަކެއް އުޅޭކަން އެނގުނީ އެކަނިވެރިމައިންނަށް ވޮޝިންޓަންގައި ދޭ އިނާޔަތްތައް ހޯދަން ހުށަހެޅުމުންނެވެ. އެގޮތުން އޭނާގެ ކައިރީގައި ތިބީ އޭނާގެ އަމިއްލަ ދަރިންކަން ޔަގީންކޮށްދިނުމަށް ޑީއެންއޭ ޓެސްޓްކުރަން ޖެހުނެވެ. ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދެއްކި ގޮތުން ފެއާޗައިލްޑް އަކީ އެކުދިންގެ މަންމައެއް ނޫނެވެ.

ބެލެވިފައިވާ ގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ އަށް ކުއްޖަކުން އެއް ކުއްޖަކު އުފެދެން ފެށުމުގެ މަރުހަލާގައި އެތައް ދަރިފަންޏެއް ތިބެ އެވެ. ނަމަވެސް މަޑުމަޑުން ބައެއް ދަރިފަނިތައް ބައިގެން ދަނީ އެވެ. ނަމަވެސް ވަރަށް މަދުން ނަމަވެސް ދިމާވާ ބައެއް ހާލަތްތަކުގައި ބައިގެން ދިޔަ ދަރިފަންޏެއްގެ ބައެއް ސެލްތައް ރަހިމުގައި ސަލާމަތުން އިން ދަރިފަންޏާ އެކުވެ އެވެ. މިފަދަ ގޮތަށް ދިމާވެފައިވާ ކުދިން އުފަންވާއިރު ވެސް އެ ކުއްޖާގެ ނުއުފަންނަ އެއްމާބަނޑު ކުދިންގެ ސެލްތަކާ އެކު އުފަންވެ އެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ބަނޑުގައިކަން އެކުދިން އޮތީ. އަހަރެންކަން އެ ކުދިން ވިހެއީ. އަހަރެންގެ ހިތުގައި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އޭބީސީ ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި ފެއާޗައިލްޑް ބުނެފައިވެ އެވެ.

ނަމަވެސް ސަރަގަސީ އާއި މަކަރުހަދާ އޮޅުވާލައިގެން ވެލްފެއާ ހޯދަން އުޅޭ ކަމުގެ ތުހުމަތުތަކެއް ފެއާޗައިލްޑާ ދެކޮޅަށް ކުރި އެވެ.

ފެއާޗައިލްޑް ބުނި ގޮތުގައި ސޯޝަލް ސާވިސްގެ މީހުން ހީކުރީ އޭނާ ދޮގު ހަދަނީ ކަމަށެވެ. އެހެންވެ އެމީހުން ކޮންމެ ވަގުތެއްގައި ވެސް ކުދިން އަތުލާފާނެކަމުގެ އިންޒާރުތައް ވެސް އޭނާއަށް ދިނެވެ.

"އަހަރެން ކުދިން ގޮވައިގެން ކާން އިނދެފައި ވެސް ބޭއިޚްތިޔާރުގައި ރޮވޭ. އެތަން ފެނި ކުދިން އަހާ ކިހިނެއްހޭ ވީ. އެކުދިން އަހަރެންގެ ގައިގައި ބައްދާލާ. ނަމަވެސް ވެގެން އުޅޭ ގޮތް ބުނެއެއް ނުދެވޭ. ޚުދް އަހަންނަށް ވެސް ވެގެން އުޅޭ ގޮތެއް ނޭނގޭ،" ފެއާޗައިލްޑް ކިޔައިދީފައިވެ އެވެ.

ފެއާޗައިލްޑް އޭނާގެ ތިން ވަނަ ދަރިފުޅު ވިހޭއިރު ސަރުކާރުން ފޮނުވައިގެން ގޮސް ހުރި އޮފިޝަލަކު ވެސް ކައިރީގައި ހުއްޓެވެ. ނަމަވެސް މި ކުއްޖާގެ ޑީއެންއޭ ވެސް މަންމައާ ދިމައެއް ނުވި އެވެ. އެފަހަރު އެމީހުން ތުހުމަތުކުރީ ފެއާޗައިލްޑް ވިހެއީ އެހެން މީހެއްގެ ދަރިއެއް ކަމަށެވެ. މާނައަކީ ސަރަގަސީގެ ޒަރިއްޔާއިން ހޯދި ކުއްޖެއް ކަމަށެވެ.

ފެއާޗައިލްޑާ ދެކޮޅަށް ސަރުކާރުން ދައުވާކުރަން ފެށީ އެވެ. އެގޮތުން ކޯޓުގައި ތިން ވަނަ އަޑުއެހުމެއް ބޭއްވިފަހުން ކުއްލިއަކަށް ފެއާޗައިލްޑްގެ ގާނޫނީވަކީލަށް މިގޮތަށް މަންމަގެ ޑީއެންއޭ ދިމާނުވެގެން އުޅޭ އެހެން މީހެއްގެ ޚަބަރު ލިބުނެވެ. އެ އަންހެންމީހާ އަކީ ވެސް ކައިމެރާ އަކަށް ވާތީ އެވެ.

ފެއާޗައިލްޑަކީ ވެސް ކައިމެރާ އަކަށް ވެދާނެކަމަށް އޭނާގެ ގާނޫނީވަކީލަށް ޝައްކުވި އެވެ. އަދި އެންމެ ފަހުން ފެއާޗައިލްޑްގެ ވެސް އަލުން ހުރިހާ ޓެސްޓެއް ހެދި އެވެ. އަދި އަސްލު މައްސަލަ ޔަގީންވި އެވެ.

އެއާ އެކު ކޯޓުގައި ހުރި މައްސަލަތައް ވެސް ސަރުކާރުން އަނބުރާ ގެންދިޔަ އެވެ. އަދި ފެއާޗައިލްޑް އެދުނުގޮތަކަށް އޭނާއަށް އިނާޔަތްތައް ވެސް ހަމަޖެހުނެވެ.

މިފަދަ ގޮތަކަށް ފިރިހެނެއްގެ ޑީއެންއޭ އޭނާގެ ދަރިފުޅާ ދިމާނުވެގެން މުޅި ދުނިޔެ ހައިރާންކޮށްލި ހާދިސާއެއް ވެސް ދާދިފަހުން އެހެން ގައުމެއްގައި ވެސް ހިނގާފައިވެ އެވެ. އެފަހަރުވެސް އެމީހާގެ ދަރިފުޅުގެ ގައިގައި ހުރިކަމަށް ވަނީ އެ ފިރިހެންމީހާގެ ނުއުފަންނަ އެއްމާބަނޑު ކުއްޖެއްގެ ޑީއެންއޭ އެވެ.

ކައިމެރާ ހުންނަ ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑުގައި އެފަދަ ކަމެއް ހުރިކަން ނުވެސް އެނގެ އެވެ. ނަމަވެސް ބައެއް ފަހަރަށް ކައިމެރާ ކުދިންގެ ލޮލުގެ ކުލަ ތަފާތުކޮށް ހުރެ އެވެ.