22 ނޮވެމްބަރ 2020 - 07:50

އެމެރިކާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ނިއު ޔޯކްގެ ހާލަތު އަންގައިދޭން އެ ސިޓީގެ ގަވަރު އެންޑްރޫ ކުއޯމާން ބާއްވަމުން ދިޔަ ނިއުސް ބްރީފިންތަކާ ގުޅިގެން އޭނާ އަށް އެމީ އެވޯޑް ދޭން ނިންމައިފި އެވެ.
ނިއު ޔޯކްގައި ބަލިޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދާއި ކޮންޓްރެޓްކް ޓްރޭސިންގެ މަސައްކަތްތަކާއި ކޮވިޑާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން ގަވަރުނަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭއްވެވި ނިއުސް ބްރީފިންތައް ސީއެންއެން ފަދަ މަޝްހޫރު ޗެނެލްތަކުން ވެސް ގެނެސް ދީފައިވެ އެވެ. އަދި މިހާރު ވެސް ގަވަރުނަރު ގެންދަވަނީ ކޮންމެ ދުވަހަކު ޓްވިޓާގައި ނިއު ޔޯކްގެ ކޮވިޑްގެ ހާލަތު ހާމަކުރައްވަމުންނެވެ.
އެންޑްރޫ ކޮވިޑާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ކުރެއްވި މަސައްކަތް ފާހަގަކޮށް އޭނާ އަށް "އިންޓަނެޝަނަލް އެމީ ފައުންޑާޒް އެވޯޑް" ދޭން ނިންމިކަން އެމީން އިއުލާންކުރީ ހުކުރު ދުވަހު އެވެ. އެކަމާ ބެހޭ ގޮތުން އިންޓަނެޝަނަލް އެމީ އެވޯޑްސް އިން ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް އެވޯޑް ދޭން ނިންމީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ދެއްކެވި ލީޑާޝިޕާއި ކޮވިޑާ ބެހޭ މައުލޫމާތު ހިއްސާކުރެއްވުމުގައި ދެއްކެވި ހުނަރުގެ އަގުވަޒަންކޮށް ކަމަށެވެ.
އެންޑްރޫއާ އެވޯޑް ހަވާލުކުރާނީ މާދަމާ އެވެ. އެވޯޑް ދޭން ނިންމިކަން އިއުލާންކުރުމުން ގަވަރުނަރު ވެސް ވަނީ އެއީ ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެމީ އެވޯޑް ލިބުމުގެ މާނަ އަކީ އެކްޓްކުރުމުގެ ހުނަރާއި ފްރެޒެންޓޭޝަން ހުނަރު ވެސް ހުރިކަން ޔަގީންވުން ކަމަށެވެ.
އެންޑްރޫ އަށް އެމީ އެވޯޑް ދޭން ނިންމުމާ ގުޅިގެން ޓްވިޓާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ގަވަރުނަރުގެ މަސައްކަތަކީ ކޮވިޑްގެ ތެރޭގައި ފެނުނު ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި އޭނާ އަށް އެވޯޑް ހައްގުވާ ކަމަށް ބުނެ، ތައުރީފުކޮށްފައިވެ އެވެ. އެކަމަކު ބައެއް މީހުން ފާޑު ވެސް ކިޔާފައިވެ އެވެ.
"އިންޓަނޭޝަނަލް އެމީ ފައުންޑާޒް އެވޯޑް" ކުރިން ލިބުނު މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ އާއި މަޝްހޫރު ޓީވީ ހޯސްޓް އޯޕްރޭ ވިންފްރީ ހިމެނެ އެވެ.
އުމުރުން މިހާރު 62 އަހަރުގެ އެންޑްރޫ އަށް ނިއު ޔޯކްގެ ގަވަރުނަރުކަން ލިބިވަޑައިގަތީ 2011 ގަ އެވެ. އޭނާ އަކީ އެ ސިޓީގެ 56 ވަނަ ގަވަރުނަރެވެ.