21 ނޮވެމްބަރ 2020 - 16:30

ކޮންޓެކްޓް ނެތް ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ހޮންކޮންގާއި ސިންގަޕޫރާ ދެމެދު "ޓްރެވަލް ބަބުލް" ހެދުން ފަސްކޮށްފި އެވެ.
ކުރިން ޝެޑިއުލް ކޮށްފައިވާ ގޮތުގައި އެ ދެ ގައުމުގެ ދެމެދުގައި ޓްރެވަލް ބަބުލްގެ ދަށުން މާދަމާ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ހޮންކޮންގައި ކޮންޓެކްޓް ނެތް ކޭސްތައް ގިނަވުމުގެ ސަބަބުން ދަތުރުތައް ފެށުން ދެ ހަފްތާއަށް މަޑު ޖައްސާލައިފައިވާ ކަމަށް އެ ގައުމުގެ ކޮމާސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ސެކެޓްރީ އެޑްވާޑް ޔައު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ދަތުރުތައް ފެށުމަކީ ދެ ގައުމަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދެ ހަފްތާއަށް ފަހު ކޮންޓެކްޓް ނެތް ކޭސްތައް ފަހަކަށްވުރެ ދަށް ނަމަ ދަތުރުތައް ފަށާ އާ ތާރީހެއް އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮންކޮންގެ ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 5،560 އަށް އަރާފައިވާއިރު އިއްޔެ އެކަނި ކޮންޓެކްޓު ނެތް 13 ކޭހެއް ވަނީ ފެނިފަ އެވެ.
އެޑްވާޑް ޔައު ވަނީ މި ދެ ހަފްތާއަށް ދަތުރުތައް ރާވައި ޓިކެޓް ނަގާފައިވާ މީހުންނަށް މި ނިންމުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ދަތުރުތައް ކެންސަލް ވި ނަމަވެސް ޓިކެޓް ނަގާފައިވާ މީހުންނަށް އެއާލައިންތައް މެދުވެރިކޮށް ރީފަންޑު ކޮށްދިނުމާއި އިތުރު ޗާޖަކާއި ނުލައި ދަތުރު ލަސްކޮށްދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮންކޮންގް އިން ވަނީ އެ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.