02 ނޮވެމްބަރ 2016 - 14:09

ވޯސޯ، ޕޮލެންޑް (ނޮވެމްބަރު 2) - ރެއާލް މެޑްރިޑަށް ޒައިނުއްދީން ޒިދާން ކޯޗުކޮށްދޭ 100 ވަނަ މެޗުގައި މިރޭ ރަށުން ބޭރުގައި ޕޮލެންޑުގެ ޗެމްޕިއަން ލެހިއާ ވޯސޯއާ ދެކޮޅަށް ނުކުންނައިރު މި މެޗު ކުޅޭނީ ހުސް ދަނޑެއްގަ އެވެ.
ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލެހިއާ ސަޕޯޓަރުން ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ގޮތަށް ދަނޑުގައި ހަޅޭލެވުމާ ގުޅިގެން ޔުއޭފާ އިން ވަނީ ލެހިއާ އަށް އަދަބު ދީފަ އެވެ. އަދަބީ އަމިއްލަ ދަނޑުގައި ލެހިއާ މި މުބާރާތުގައި ކުޅޭ މެޗުތަކުގައި ސަޕޯޓަރުން ނުވައްދައި ކުޅުމެވެ.
"މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. އަހަރެންނަށް ވަރަށް ހާއްސަ މެޗެއް. އެކަމަކު މި މެޗު ކުޅެން މި ޖެހެނީ ސަޕޯޓަރުން ނުލައި. އެހެން ނަމަވެސް ވިސްނުމަކަށް ބަދަލެއް ނާދޭ. ބޭނުންވަނީ މޮޅެއް،" ކުރިން ރެއާލަށް ކުޅުނު ޒިދާން ބުންޏެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލް 100 ވަނަ މެޗަށް މިރޭ ނުކުންނައިރު އޭނާ ރެއާލުގެ ސީނިއާ ޓީމަށް ކޯޗުކޮށްދިން 42 މެޗުގެ ތެރެއިން ރެއާލް ވަނީ 33 މެޗުން މޮޅުވެފަ އެވެ. ހަތް މެޗުން އެއްވަރުވިއިރު ބަލިވީ އެންމެ ދެ މެޗުންނެވެ. ޒިދާން ވަނީ ރެއާލަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ރެއާލުގެ ކޯޗަކަށް ޒިދާން ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު ރަފައެލް ބެނިޓޭޒް މަގާމުން ދުރު ކުރުމަށް ފަހު އެވެ.
"ރެއާލް ފަދަ ބޮޑު ކްލަބަކަށް 100 މެޗުގައި އިރުޝާދު ދިނުމަކީ ވެސް ކާމިޔާބެއް. އަހަރެންނަށް އަދި ވެސް ކުރިއަށް ދެވިދާނެ. ރެއާލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދޭން ބޭނުން،" ޒިދާން ބުންޏެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން ލިސްބަން އަށް ތިން ޕޮއިންޓް ލިބިފައި އޮތްއިރު، އެންމެ ފުލުގައި އޮތް ލެހިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ލެހިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ރެއާލުން ނެގި 19 ކުޅުންތެރިންގެ ސްކޮޑުން ބްރެޒިލްގެ ޑިފެންޑަރު މާސެލޯ އާއި ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒަށް ފުރުސަތު ނުދެ އެވެ. އޭގެ ބަދަލުގައި ސްކޮޑުން ފުރުސަތު ދިނީ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދަށްކަމުން އަންނަ އަލްވާރޯ ޓެޖޭރޯ އާއި މަރިއާނޯ އެވެ.
ރެއާލާއި ލެހިއާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.