02 ނޮވެމްބަރ 2016 - 13:56

ކޮލަމްބޯ (ނޮވެމްބަރު 2) - ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރިން ލިބޭ އިނާޔަތްތައް ހޯދުމަށް ސްރީ ލަންކާ އިން ސިޔާސީ އިސްލާހުތައް ގެނެސް ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުރެ ފާސްކޮށްފައިވާ ހަރުކަށި ގާނޫނުތައް ބަދަލު ކުރުމަށް އީޔޫގެ ޕާލަމެންޓެރޭނިއަނުން އެދިއްޖެ އެވެ.
ޔޫރަޕިއަން ޕާލަމެންޓުގެ ހަތަރު މެންބަރުން ކޮލަމްބޯ އަށް ކުރި ދަތުރުގައި ވަނީ ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓުގެ ބަދަލުގައި ދެން ފާސްކުރާ ގާނޫނު އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް އެދިފަ އެވެ.
އީޔޫގެ ވަފުދުން ވަނީ ކުރިން ހަނގުރާމަ ކުރި ލަންކާގެ އުތުރާއި އިރުމަތީގެ ހިސާބުތަކުން އަސްކަރީ ބާރުވެރިކަން ކަނޑުވާލުމަށް ވެސް އެދިފަ އެވެ.
ލަންކާގެ އެކްސްޕޯޓް މައްޗަށް ޖައްސަން ޔޫރަޕުން ލިބޭ ޓެރިފުގެ އިނާޔަތްތައް ހޯދަން އެ ގައުމުން ޝައުގުވެރިވެ އެވެ. މި އިނާޔަތްތައް 2010 ވަނަ އަހަރު ކަނޑާލީ ކުރީގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރަން ފެށުމުންނެވެ. އިނާޔަތް ކަނޑާލުމުން ލަންކާ އިން އީޔޫ އަށް އެކްސްޕޯޓްކުރާ ގާމެންޓުގެ ޚަރަދު ވަނީ 10 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
ލަންކާ ހަނގުރާމައިގެ ފަހު ދުވަސްވަރު މަރުވި ކަމަށް ބުނާ 40،000 މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ ހަނގުރާމައިގެ ޖަރީމާތައް ބަލާ އިންސާނީ ހައްގުތައް ގައުމުގައި އަލުން ގާއިމްކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.