19 ނޮވެމްބަރ 2020 - 20:25

މަސަޢްކަތް ނިމިފައިވާ ކިންގް ސަލްމާން މިސްކިތާއި އުނގޫފާރުގައި އަޅާފައިވާ އިސްލާމީ މަރުކަޒު ހުޅުވުން ލަސްވާތީ އިދިކޮޅުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ތުހުމަތުކުރެއްވީ މި ސަރުކާރު އައި ފަހުން ރާއްޖޭގައި އިސްލާމީ ހަޟާރަތު ފަތުރަން ކުރާ މަަސައްކަތް ފަނޑުވެގެން ގޮސްފައިވާ ކަަމަށެވެ. ކިންގް ސަލްމާން މިިސްކިތް ނުހުޅުވައި ހުރީ އެހެންވެ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ނިމިފައި ހުންނަތާ ކިތަންމެ ދުވަހެއް. އެތަން ހުޅުވާކަށެއް ސަރުކާރުގެ ވިސްނުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އަދި އެ ސުވާލުކުރިކަމުގައި ވިޔަސް ވެސް އިސްލާމިކް މިނިސްޓަރު ވެސް މިވިދާޅުވަނީ އަދި ވަކި ދުވަހެއް ކަނޑައެޅިފައި ނުވާކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގަައި އަޅާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ވެސް ހުރީ ނިމިފައި ކަމަށާއި އެތަން ވެސް ނުހުޅުވާތީ ކަންބޮޑުވާ ކަަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އިސްލާމީ ކަންތައްތަކަށް ދޭންވާ އަހައްމިޔައްތު ސަރުކާރުން ނުދޭކަމަށް ތުހުމަތު ތަކުރާރުކުރައްވަމުން އޭނާ ސުވާލު އުފެއްދެވީ އެކަމުގައި ސަރުކާރަށް ބޭރުގެ ނުފޫޒު ފޯރަނީތޯ އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް މިދިޔަ ހަފުތާގައި ވެސް ވަނީ އަތޮޅު ތެރޭގައި އަލަށް ދެ މިސްކިތެއް ހުޅުވައިފަ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި އިމާރާތްކުރި މިސްކިތުގެ މަސައްކަތް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އެ ތަން ހުޅުވުމަށް، ކޮވިޑް-19 ބަލިމަޑުކަން ފެތުރުމުގެ ކުރިން ސައުދީ ސަރުކާރާއެކު މަޝްވަރާކުރި ނަމަވެސް ފަހުން މެދުކަނޑާލީ ކަމަށް ވެސް އެ މިނިސްޓްރީން އޭރު ބުންޏެވެ. އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި ސައޫދީ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ ވަޑައިގެން މިސްކިތް ހުޅުވުމާ ގުޅޭ މަޝްވަރާތައް އަލުން ވަނީ ފަށައިފަ އެވެ. ނަމަވެސް މިސްކިތް ހުޅުވޭނެ ތާރީހެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.
ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.
މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް މެދުކަނޑާލީ އެވެ.
ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.