03 ނޮވެމްބަރ 2016 - 06:18

ސޯނަމް ކަޕޫރަކީ ބޮލީވުޑްގައި މިހާރު ނަންހިނގާ މަޝްހޫރު ބަތަލާއެއް ނަމަވެސް މިހާތަނަށް ޝާހްރުކް ޚާނާ އެކު ސޯނަމް އެއްވެސް ފިލްމެއް ނުކުޅެ އެވެ. ސޯނަމްގެ ފުރަތަމަ ފިލްމު "ސާވަރިޔާ" ގައި ބަތަލުގެ ބައި ކުޅުނީ ރަންބީރު ކަޕޫރާއި ސަލްމާން ޚާނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އޭގެ ފަހުން ރިލީޒްވި ބައެއް ފިލްމުތައް ކާމިޔާބުވެފައިވެ އެވެ.
ސޯނަމްގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި އައި ހޭޓް ލަވް ސްޓޯރީޒް، ރާންޖަނާ، ޚޫބްސޫރަތު، ޕްރޭމް ރަތަން ދަން ޕާޔޯ އަދި ނީރްޖާ ހިމެނެ އެވެ.
ޝާހްރުކާ އެކު ފިލްމު ނުކުޅެނީ ކީއްވެތޯ، ފިލްމީ މަޖައްލާއަކަށް ސޯނަމް ދީފައިވާ އިންޓަވިއުއެއްގައި ސުވާލު ކޮށްފައިވެ އެވެ. ސޯނަމް ބުނީ ޝާހްރުކް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންވާހެން ހީނުވާ ކަމަށެވެ.
ޝާހްރުކާ އެކު ފިލްމު ކުޅޭނެ ވަރަށް ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް ޝާހްރުކް އެކަމާ އެއްބަސް ނުވަނީ ކަމަށް ވެސް ސޯނަމް ބުންޏެވެ.
ޝާހްރުކާ އެކު މަސައްކަތްކުރަން ބޭނުންވެގެން ޚުދް ސޯނަމް ޝާހްރުކް އަށް އެކަން އެންގި ނަމަވެސް ޝާހްރުކް އެގޮތް ބޭނުން ނުވާތީ އެފަދަ ފުރުސަތެއް ނުލިބުނު ކަމަށް ސޯނަމް ބުންޏެވެ. ސޯނަމް ބުނީ ޝާހްރުކާ އެކު އޭނާ އަށް ކުރިޔަށް އޮތް ތަނުގައި ވެސް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭނީ ޝާހްރުކް އެގޮތަށް ބޭނުން ވެއްޖެ ނަމަ ކަމަށެވެ.
ފިލްމެއްގައި ބައިވެރިކުރާނެ ބަތަލާ އަކު ނިންމަނީ އެ ފިލްމެއްގެ ލީޑް އެކްޓަރު ކަމަށް ދޭހަވާ މޭރުމަކުން ސޯނަމް ވަނީ ވާހަކަ ދައްކާފަ އެވެ.
"ފިލްމު އިންޑަސްޓްރީގައި ކަންތައް އޮންނަ ގޮތަކީ އެ ފިލްމެއްގެ ބަތަލަކު ނިންމާނީ އެ ފިލްމެއްގައި އޭނާއާ އެކު ބައިވެރިކުރާނެ ބަތަލާއެއް. އެހެންވެ ޝާހްރުކް ވެސް އަހަންނާ އެކު މަސައްކަތް ކުރަން ބޭނުންވެއްޖެ ނަމަ އަހަރެން މިހުރީ ތައްޔާރަށް. ނަމަވެސް މިހާތަނަށް އޭނާ އަހަންނާ އެކު ފިލްމެއް ކުޅެން ބޭނުންވީހެނެއް ހީއެއް ނުވޭ، ސޯނަމް ބުނެފައިވެ އެވެ.