ޝާހްރުކް އާއި އައިޝްވަރިޔާގެ އާ ފިލްމެއް ކަރަން އުފައްދަނީ
ޝާހްރުކް އާއި އައިޝްވަރިޔާގެ އާ ފިލްމެއް ކަރަން އުފައްދަނީ

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީ ލީޑް ރޯލަށް ލައިގެން ފިލްމެއް ތައްޔާރުކުރަން ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ގަސްދުކޮށްފި އެވެ. ކަރަން ބުނި ގޮތުގައި އޭނާގެ ސިކުނޑީގައި މިހާރު މޮޅު ސްކްރިޕްޓެއް ވެސް އެބައޮތެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ދޭވްދާސް"ގައި 2002 ގައި މަސައްކަތްކުރި ފަހުން އައިޝްވަރިޔާ އާއި ޝާހްރުކް ފުރަތަމަ ފަހަރަށް ފެނިފައި ވަނީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އިންނެވެ. އެ ފިލްމުގައި އެ ދެ ތަރިން ކުޅެފައިވަނީ އިނދެ ވަރިކޮށްފައިވާ ދެމީހުންގެ ބަ އެވެ.

ފިލްމުގައި ޝާހްރުކް ފެނިލަނީ ދެތިން މަންޒަރަކުން ނަމަވެސް އެ މަންޒަރުތައް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އަދި ކަރަން އަށް ވެސް މި ދެ ތަރިން އެކުގައި ސްކްރީނުން ފެނުމުން ޖާދޫއެއް ކަހަލަ ގޮތެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވެ އަވަހަށް މި ދެ ތަރިން ލައިގެން ފިލްމެއް އުފެއްދުމުގެ ޚިޔާލު އެ ވަގުތުން ފެށިގެން ކަރަން ގެ ސިކުނޑީގައި އޮތެވެ.

ކަރަންގެ ގާތް މީހަކު ބުނީ "އޭ ދިލް ހެ މުޝްކިލް"ގައި އައިޝްވަރިޔާ އާއި ޝާހްރުކް އެކުގައި ފެނިލާ މަންޒަރުތަކުން އެ ދެ ތަރިންގެ ގުޅުން ފެނިފައި މި ދެ ތަރިން ލައިގެން އާ ފިލްމެއް އުފެއްދުމުގެ ޚިޔާލު ކަރަންގެ ހިތުގައި ވަގުތުން އުފެދިފައިވާ ކަމަށެވެ.

"ދޭވްދާސް"އަށް ފަހު ޝާހްރުކާއި އައިޝްވަރިޔާ "އިޝްގް ކަމީނާ" ކިޔާ ލަވައެއް ކުޅުނެވެ. އަދި އޭގެ ފަހުން ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނިން އުފެއްދި "ޗަލްތޭ ޗަލްތޭ" ވެސް އައިޝްވަރިޔާ ބައިވެރިކޮށްގެން ޝޫޓްކުރަން ފެށި އެވެ. ނަމަވެސް އޭރު އައިޝްވަރިޔާ ރައްޓެހިވެގެން އުޅުނު ސަލްމާން ޚާން އެ ފިލްމުގެ ޝޫޓިން ހިނގަމުން ދިޔަ ތަނަކަށް ގޮސް އެތާ ހުރި އެއްޗިއްސަށް ގެއްލުންދީ ބޮޑު ހަމަނުޖެހުންގަނޑެއް ހިންގުމުގެ ސަބަބުން ޝާހްރުކް ރުޅިއައިސްގެން އައިޝްވަރިޔާ އެ ފިލްމުން ވަކިކޮށް ރާނީ މުކަރުޖީ އާ އެކު ފިލްމު އަލުން ޝޫޓް ކުރީ އެވެ.

އޭރުންސުރެ އައިޝްވަރިޔާ ހުރީ ޝާހްރުކް ދެކެ ރުޅިއައިސްފަ އެވެ. ނަމަވެސް އަބީޝެކް އާއި އައިޝްވަރިޔާ ކައިވެނި ކުރުމަށްފަހު އަލުން ޝާހްރުކާއި އައިޝްވަރިޔާ ރައްޓެހިކުރުވާފައިވަނީ އަބީޝެކް އެވެ. އަބީޝެކް އަކީ ޝާހްރުކްގެ ވަރަށް ޒަމާންވީ އަދި ގާތް އެކުވެރިއެކެވެ.