19 ނޮވެމްބަރ 2020 - 14:09

ގެއްލިގެން ހޯދަން އިއުލާނުކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ޝިރުމީނާ ނުފެނުމުން އޭނާ ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނީ މި މަހުގެ ކުރީކޮޅެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން، އޭނާ ދިރިއުޅޭ ގޭގެ ސިޑިމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ކަމަށް އެ އާއިލާ އިން ކުރިން ބުންޏެވެ. ޝިރުމީނާ ގެއްލުނީ ބަޔަކު އޭނާ ރަހީނު ކުރުމުން ކަމަށާއި އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
ބިރު ދެއްކުމަށް ފަހު 25،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝިރުމީނާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މީގެ ކުރިން 31 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުގައި ކުރިއަށް ގެންދަން ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމާ އެކު، އިއްޔެ އަނެއްކާ ވެސް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ޝިރުމީނާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗުގެ އިމަޖަންސީ އަށް ގެންދިޔަ އެވެ. ޝިރުމީނާގެ ލޯ މަތީގައި ޖަހާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުރި އިރު އޭނާގެ ގައިގެ އެކި ތަންތަނުގައި ވެސް އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް އާއިލާއިން ބުންޏެވެ.