ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 29 މީހުން
ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 29 މީހުން

ކޮވިޑް-19އަށް މިއަދު 29 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިރޭ ބުނިގޮތުގައި އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00އާ ހަމައަށް ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެ ބަލި ޖެހިފައި ވަނީ 19 ދިވެހިންނާއި 10 ބިދޭސީންނަށް ކަމަށެވެ. އެއީ ޓެސްޓު ކުރި 1،360 ސާމްޕަލްގެ ތެރެއިންނެވެ.

ބައްޔަށް ގިނަ މީހުން މިއަދު ވެސް ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެއީ، 24 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވީ ފަސް މީހެކެވެ. ކޮވިޑު ޖެހިފައި ތިބި މީހުން 15 ރަށެއްގައި ތިބިއިރު ރިސޯޓުތަކުގެ އަދަދު 29 އަށް އަރަ އެވެ. އޭގެ ތެރެއިން 48 ޓޫރިސްޓަކު ކޮވިޑް-19 ޕޮޒިޓިވްވެފައިވާއިރު 90 މުވައްޒަފުންނަށް ވަނީ ބަލިޖެހިފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 12،380 އަށް އަރައިފަ އެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަނީ 926 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 27 މީހަކަށް ފަރުވާ ދެމުން އަންނައިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 351 މީހުން އެބަތިއްބެވެ. ބަލިން މިހާތަނަށް ރަނގަޅުވީ 11،406 މީހުންނެވެ.

ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް 45 މީހަކު ވަނީ މަރުވެފަ އެވެ.

ވޭތުވެ ދިޔަ ދުވަސްތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެއާއެކު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ ލުއިކޮށްފަ އެވެ. އެކަމަކު އެޗްޕީއޭގެ އިލްތިމާސްއަކީ އަދިވެސް އެ ކަންކަމަށް ސަމާލުކަން ދިނުމެވެ.