ބަޖެޓްގެ ބެލެނިވެރިއެއް ނޭނގުނު: ސައީދު
ބަޖެޓްގެ ބެލެނިވެރިއެއް ނޭނގުނު: ސައީދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ކުރައްވައި އަނެއް މެމްބަރުން ފާޑުވިދާޅުވެ ކުރައްވާ ޒުވާބުން ބަޖެޓުގެ ބެލެނިވެރި ފަރާތަކީ ކޮބައި ކަމެއް އެނގިވަޑައިނުގެންނެވި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓުން ރައްޔިތުންނަށް ފައިދާއެއް ނެތް ކަމަށް ފާޑުވިދާޅުވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ ބަޖެޓްގެ ބަހުސް ކުރިއަށްދާ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މަޖިލީހުގައި ބަހުސްކުރަމުން އަންނަ ބަޖެޓަކީ އެމްޑީޕީގެ އެއްޗެއް ނޫން ކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ބަޖެޓްގެ ބެލެނިވެރިފަރާތް ހޯދުމުގެ ޒުވާބު މިތާ މިއަދު މި ހިނގަނީ. އެމްޑީޕީން ހަމަ ފާޅުގައި ތިޔަ ވިދާޅުވަނީ މިއީ ތިމަންނަމެންގެ ބަޖެޓެއް ނޫނޭ، މިއީ ތިމަންނަމެންގެ ބަޖެެޓެއް ނޫނޭ. ދެން އަޅުގަނޑުމެން [އިދިކޮޅު] މިތާ ހައެެއްކަ މެމްބަރުން ތިބެފައި ކިހިނެތްތޯ ބުނާނީ މިއީ ސަރުކާރުގެ ބަޖެޓެކޭ މިއީ އެމްޑީޕީގެ ބަޖެޓެކޭ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަހެއް ހަބަރެއް އަޑެއް އިވެނީއަކީ ނޫން،" ސައީދު ވިދާޅުވި އެވެ.

ސައީދު އިޝާރާތް ކުރެއްވީ ބަޖެޓަށް ފާޑުވިދާޅުވެ، މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. ނަޝީދު މިއަދު ވިދާޅުވީ ބަޖެޓްގައި އޮތް ބޮޑު ޑެފިސިޓާއި އެކު އެމަނިކުފާނު ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ. މިގޮތަށް ވިދާޅުވީ ބަޖެޓަކީ "ޅޮސް" ކަމަށް ހޯމަ ދުވަހު ސިފަކުރެއްވުމަށް ފަހު އެވެ.

ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ސައީދު ގޮވައިލެއްވީ ބަޖެޓް އަނބުރާ ގެންދިއުމަށެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ސަރުކާރު ހިންގުމުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި ބަޖެޓްގައި ޖަހާފައިވާ ފައިސާގެ އަދަދުތައް ބޮޑުވުމުންނެވެ. ސަރުކާރުގެ ހަރަދުތައް ބޮޑުވި އިރު އާސަންދަ ކުޑަވެފައިވާ ކަމަށާއި ކަރަންޓްގެ އަގު ބޮޑުވެއްޖެ ކަމަަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވަނީ ބަޖެޓުގައި މުޅިން އޮތީ ސަރުކާރު ކަމަށާއި ރައްޔިތުންނާ މެދު ބަޖެޓުގައި ވިސްނާފައި ނެތް ކަމަށެވެ.