26 ނޮވެމްބަރ 2020 - 14:31

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު ހާތިފް ހިިލްމީ މިއަދު އައްޔަން ކުރައްވައިފި އެވެ.
އިސް ފަނޑިޔާރު ކަމަށް ހާތިފް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.
އިސް ފަނޑިޔާރު ކަމަށް ހާތިފް އައްޔަން ކުރެއްވީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު ހާތިފް އެކަންޏެވެ.
ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ހާތިފް ހައި ކޯޓަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ފަނޑިޔާރެކެވެ. ސިވިލް ކޯޓުގަައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް އޭނާ ބެއްލެވި އެވެ.