18 ނޮވެމްބަރ 2020 - 14:32

މިއުޒިކް އަޑު އަހައިލަން ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި މަޝްހޫރު ސައުންޑްކްލައުޑުން އާޓިސްޓުންގެ ޕްރޮފައިލް ވެރިފައިކޮށްދޭން ފަށައިފި އެވެ.
މިކަން އިއުލާންކޮށް އެތަނުން ބުނީ ވެރިފައިކޮށްދޭ އާޓިސްޓުންގެ ޕްރޮފައިލްތަކުގައި ނޫކުލައިގެ ފާހަގައަކާ އެކު އޭގެ ތެރޭގައި ހުދު ކުލައިގެ ޓިކެއް ލާފައި އިންނާނެ ކަމަށެވެ. އެއާ އެކު އެ މީހެއްގެ ޕްރޮފައިލް ފޮޓޯ އިންނަނީ ސައުންޑްކްލައުގެ ރަސްމީ ކުލަ އޮރެންޖް ބެކްގްރައުންޑެއްގަ އެވެ.
އެކައުންޓްތައް ވެރިކޮށްފައިކޮށް ދިނުމަކީ މިހާރު ވަރަށް ގިނަ ޕްލެޓްފޯމްތަކުން ކުރާ ކަމެކެވެ. އޭގެ ތެރޭގައި ފޭސްބުކާއި ޓްވިޓާ އާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް ހިމެނެ އެވެ.
މީގެ މައިގަނޑު ބޭނުމަކީ އެ ޕްރޮފައިލެއްގެ ސައްހަކަން ކަށަވަރުކޮށް ދިނުމެވެ.
ސައުންޑްކްލައުޑުން ބުނީ ޕްރޮފައިލް ވެރިކޮށްފައި ދިނުމުގައި ހާއްސަ މިންގަނޑުތަކަކަށް ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި އެ އާޓިސްޓެއްގެ މަޝްހޫރުކަމާއި މީހުން އޭނާ ސާޗްކުރާ މިންވަރާއި ލޭބަލްގެ މަގުބޫލުކަން ފަދަ ކަންކަން ހިމެނެ އެވެ. އަދި ވެރިފައިކޮށް ދިނުމުގައި އެ މީހެއްގެ ސައްހަ ބަޔޯ އާއި ފޮޓޯ އާއި އަޕްލޯޑްކޮޑްފައިވާ ޓްރެކެއް ވެސް އިންނަން ލާޒިމުވާނެ އެވެ.
ސައުންޑްކުލައުޑުން އަލަށް އާޓިސްޓުން ވެރިފައިކޮށް ދޭން ފެށި އިރު، މި ވަގުތު ވެރިފައިކޮށްފައި އިނީ އެންމެ ތިން އާޓިސްޓެކެވެ. އެއީ ބިލީ އީލީޝް އާއި ވިޒް ޚަލީފާގެ އިތުރުން ޓްރިޕީ ރެޑެވެ.
ވެރިފިކޭޝަނަށް އެޕްލައިކުރަން ހަދަން ޖެހޭ ގޮތަކީ އެ މީހެއްގެ އެކައުންޓުން ސެޓިން އަށް ގޮސް "ވެރިފިކޭޝަން ރިކްއެސްޓް" އަށް ކްލިކްކޮށްލާނީ އެވެ. ވެރިފިކޭޝަން ޕްރޮސެސް އަށް ސައުންޑްކްލައުޑުން 30 ދުވަހުގެ މުހުލަތެއް ނަގާނެ އެވެ. އެއީ ބަޔޯގެ ސައްހަކަން ކަށަވަރުކުރުމަށްޓަކަ އެވެ.
ސައުންޑްކްލައުޑުން ބުނި ގޮތުގައި އެ ޕްލެޓްފޯމްގެ "ޕްރޯ ސްޓާ ބެޖް" ޕްރޮގްރާމްގައި މިހާރު ތިބި އާޓިސްޓުންނަށް ވެސް ވެރިފިކޭޝަނަށް އެޕްލައިކުރެވޭނެ އެވެ.
ޖަރުމަންގެ ބާލިންގައި ހެޑްކުއާޓަރު ހުންނަ ސައުންޑްކްލައުޑަކީ 2007 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 175 މިލިއަނަށް އަރަ އެވެ. އަދި މި ޕްލެޓްފޯމަކީ ފީ ދައްކައިގެންނާއި ހިލޭ ވެސް ބޭނުންކުރެވޭ އެއްޗެކެވެ.