18 ނޮވެމްބަރ 2020 - 14:00

ވެލިންޓަން (ނޮވެމްބަރު 18) - ނިއު ޒީލެންޑް ފުލުހުންގެ ރަސްމީ ޔުނިފޯމްގައި ހިޖާބު ހިމަނައިފި އެވެ.
ނިއު ޒީލެންޑް ފުލުހުން ބުނީ ޔުނިފޯމާ އެކު ބުރުގާ އެޅޭ ގޮތަށް ހަމަޖެއްސީ މުސްލިމް އަންހެނުން ފުލުހުންގެ ވަޒީފާ އަށް ނެރެން ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ނިއު ޒީލެންޑް ފުލުހުންގެ ޔުނިފޯމާ އެކު ބުރުގާ އަޅާ ފުރަތަމަ ފުލުހަކަށް ވާނީ ކޮންސްޓެބްލް ޒީނާ އަލީ އެވެ. ފިޖީ އަށް އުފަން ނަމަވެސް ވަރަށް ޅަ އުމުރުގައި ނިއު ޒީލެންޑަށް ހިޖުރަކޮށްފައިވާ ޒީނާ ބުނީ އޭނާ ފުލުހުންގެ ވަޒީފާ އަށް ވަންނަން ބޭނުންވީ ކްރައިސްޗާޗުގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ކަމަށެވެ.
"އަޅުގަނޑަށް ވިސްނުނީ މުސްލިމް ގިނަ އަންހެނުން ފުލުހުންގެ ޚިދުމަތަށް ބޭނުންވާނެކަން،" އޭނާ ބުންޏެވެ. "ނިއު ޒީލެންޑުގެ ފުލުހުންގެ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ބުރުގާ ދައްކާލުމަކީ ފަޚުރުވެރިވާ ކަމެއް."
އޭނާ ބުނީ ޔުނިފޯމާ އެކު ބުރުގާ އެޅޭ ގޮތަށް ހަމަޖެއްސުމުން މުސްލިމް އިތުރު އަންހެނުން ފުލުހުންގެ ވަޒީފާ އަށް ޝައުގުވެރިވާނެ ކަމަށެވެ.
ނިއު ޒީލެންޑް ފުލުހުންގެ ޔުނިފޯމާ އެކު ބުރުގާ ތައާރަފް ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. އެއީ ސެކަންޑަރީ ސްކޫލަކަށް ފުލުހުންގެ ސްޓާފުންތަކެއް ޒިޔާރަތް ކުރުމަށް ފަހު ދިން ޚިޔާލަކާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
ލަންޑަނުގެ މެޓްރޯ ޕޮލިސް އިން ވެސް 2006 ވަނަ އަހަރު ވަނީ ޔުނިފޯމާ އެކު ބުރުގާ އެޅުން ހުއްދަ ކޮށްފަ އެވެ. އޭގެ ފަހުން ސްކޮޑްލެންޑް، އޮސްޓްރޭލިއާގައި ވެސް ވަނީ ޕޮލިސް ޔުނިފޯމުގައި ބުރުގާ ހިމަނައިފަ އެވެ.