ފުލުހުންނަށް ވެގެން ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި
ފުލުހުންނަށް ވެގެން ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޕޮލިސް އިންޓެލިޖެންސުގެ ބައެއް ކަމަށް ބުނެ "ފަރިވާ ސްޓޭ" ގެސްޓު ހައުސް އިން ފޭރުނު މައްސަލައިގައި އިތުރު ދެ މީިހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ފޭރުނު މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު 42 އަހަރުގެ މީހަކު ހައްޔަރުކުރި އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު 43 އަހަރުގެ މީހަކާއި ހޯމަ ދުވަހު 38 އަހަރުގެ އިތުރު މީހަކު ހައްޔަރުކުރި އެވެ. އެ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަރިވާ ސްޓޭ އިން ފޭރުނީ އެތަނުގައި މަސައްކަތްކުރާ ދެ މުވައްޒަފެއްގެ ފައިސާ އާއި މުދަލެވެ. އޭގެ ތެރޭގައި ފޯނާއި ލެޕްޓޮޕާއި ރަން ގަހަނާ ވެސް ހިމެނޭ ކަމަށް އެ މީހުން "މިހާރު" އަށް ކުރިން ބުނެފައިވެ އެވެ.

އެ މީހުން ބުނި ގޮތުގައި ފޭރުނީ ވަގު ޑޮލަރުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ފޭރުނު މީހުން ތިބީ ކަޅު ހެދުމުގައި މާސްކް ވެސް އަޅައިގެންނެވެ.