18 ނޮވެމްބަރ 2020 - 13:36

ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސައޫދީ ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި ވަކި ތާރީހެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި އިމާރާތްކުރި މިސްކިތުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެ ތަން ހުޅުވުމަށް، ކޮވިޑް-19 ބަލިމަޑުކަން ފެތުރުމުގެ ކުރިން ސައުދީ ސަރުކާރާއެކު މަޝްވަރާކުރި ނަމަވެސް ފަހުން މެދުކަނޑާލީ އެވެ.
އޭނާ ވިދާޅުވީ، ސައޫދީ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ ވަޑައިގެން މިސްކިތް ހުޅުވުމާ ގުޅޭ މަޝްވަރާތައް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތް ހުޅުވޭނެ ތާރީހެއް ނެތް ކަމަށް ވިދާޅުވި އެވެ.
"މިސްކިތް ހުޅުވުމާ ގުޅޭގޮތުން، ސައުދީ ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަނީ. އެކަންކަން މަޑުޖެހުނީ، މިސްކިތް ހުޅުވަން ތައްޔާރުވެފައި ހުއްޓާ،" ޝާފިއު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.
މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް މެދުކަނޑާލީ އެވެ.
ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.