ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް!
ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް!

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރަން އެކުލަވާލާފައިވާ ޕްލޭނަށް ބަލާއިރު މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ހުސް ބިމެއް އެތަނުގައި ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް!
ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް!

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު އަދި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި "އަދި ހުސްކޮށް އޮތަސް ހަގީގަތުގައި އެތަނުގައި ބިމެއް ނެތް" ކަމަށެވެ.

އޭނާ އެގޮތަށް ޖަވާބު ދެއްވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެއްވެސް ކަމެއް އަދި ނުކޮށް ހުސް ބޮޑު ބިމެއް އޮއްވާ ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދެނީ ކީއްވެގެންތޯ ކުރި ސުވާލަށެވެ.

ތަފުސީލު ދެއްވަމުން ފައްޔާޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި، އާ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން އޮތް ޕްލޭންގައި ޓޫރިޒަމަށާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން ފަދަ ކަންކަމަށް ބިން ކަނޑައަޅާފައިވާ ކަމަށެވެ. އެވަރުގެ ސިޓީއެއް ދަމަހައްޓަން އިގުތިސާދީ ގޮތުން ބޭނުންވާ ކަންކަމަށް ހާއްސަކޮށްފައިވާ ބިމާއި ގެދޮރަށް ކަނޑައަޅާފައިވާ ބިންތަކަށް ބަލާއިރު، މާލޭގެ ރައްޔިތުން ބޭނުންވެގެން އުޅޭ މިންވަރަށް ގޯތި ދޫކުރާނެ ބިމެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލައިފިއްޔާ ގޯތި ކަނޑާލެވިދާނެ. އެކަމަކު އޭރުން މުޅި [މަޝްރޫއު]ގެ ވައިބިލިޓީ މައްސަލަ އެބަ ދިމާވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ގުޅިފަޅު ހިއްކާއިރު އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ބިން ކަނޑައަޅާށެވެ. އެކަމަކު ގުޅިފަޅަކީ ވެސް ގޯތި ދޫކުރަން ހިއްކަން ނިންމި ތަނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ އަސްލު ބޭނުމަކީ މާލޭގެ ވިޔަފާރި ބަނދަރާއި އާންމު ބަނދަރާއި މާލޭގައި ހުރި ގުދަންތައް ބަދަލުކުރުމެވެ. އޭގެ އިތުރުން އާ ބަނދަރުގައި "ލައިޓް މެނިފެކްޗަރިން" އަށް ބޭނުންވާ ބިން ވެސް، ގުޅިފަޅުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ފަހުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ "ގޯތީގެ ވާހަކަ ދެކެވޭތީ އޭގެން ބައެއް ކަނޑައެޅީ ގޯއްޗަށް ވެސް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޓޫރިޒަމްގެ އެކި ކަންކަމަށް ދޫކުރަން ހުރި ބިންތައް ނަގައި، އެތަންތަނުން ގޯތި ދޭން، ސިޔާސީ ބައެއް މީހުންގެ ވިސްނުން ހުއްޓަސް، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ވާން އޮތް ކަމެއް ނޫނެވެ.

މާލޭގެ އުފަން ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫކުރަން، އެމްޑީޕީގެ މާލެއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ. ގުޅިފަޅުން ގޯތި ދޫކުރަން ސަރުކާރުން ނިންމީ އެ ގޮވާލުންތަކާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 240 ހެކްޓަރުގެ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި، އެތަން ޕްލޭންކުރީ ދުނިޔޭގެ ފެންވަރުގެ މާލީ މަރުކަޒަކާއި ވަކިން ޓޫރިޒަމް ޒޯނަކާއި ކްރޫޒްލައިނާ ފަދަ ބޮޑެތި އުޅަނދުތައް ބަނދަރުކުރާނެ ސަރަހައްދެއް ވެސް ހިމަނައިގެންނެވެ.

ކުރީގެ ސަރުކާރުން ފެށި 7،000 ފްލެޓް މަޝްރޫއުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ދީގެން ތަރައްގީކުރާ އެތައް ފްލެޓް އިމާރާތެއްގެ މަސައްކަތް ވެސް، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބޯހިޔާވަހިކަމަށް ހާއްސަ ސަރަހައްދުގައި މިހާރު ދަނީ ކުރިއަށެވެ. އޭގެ އިތުރުން ބީޗު ސައިޑަށް ވާ ގޮތަށް އޮތް ބިމުން އެއް ބުރެއްގައި، 76 ގޯތި ވަނީ ވިއްކައިފަ އެވެ. އެކަމަކު އެއިން ގޯއްޗެއްގެ އަކަފޫޓެއްގެ ފެށޭ އަގަކަށް އޮތީ 3،000ރ އެވެ. އެއީ އެއް ހާސް އަކަފޫޓުގެ ގޯއްޗެއް ނަމަ ތިން މިލިއަން ރުފިޔާ އެވެ. އެކަމަކު ނީލަމުގައި ގޯތިތައް ވިކުނީ އެއަށް ވުރެ ވެސް މާ ބޮޑެތި އަގުތަކުގަ އެވެ.