ކައުންސިލް އިންތިޚާބު މާޗް 6 ގައި ބާއްވަނީ
ކައުންސިލް އިންތިޚާބު މާޗް 6 ގައި ބާއްވަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ފަސްކުރި ލޯކަލް ކައުންސިލް އިންތިޚާބު މާޗް 6 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ ޓީވީގައި ރޭ ވިދާޅުވީ، އިންތިޚާބުގެ ކަންކަން ތަރުތީބު ކުރަމުން އަންނަނީ އެ މުއްދަތުގައި އިންތިޚާބު ބޭއްވުމަށެވެ. އެކަމަކު އެ ތާރީޚް މުޅިން އަދި ފައިނަލް ނުވާ ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ ކަލަންޑަރުގައި ހިމަނާފައިވާ ތާރީޚް ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރަން ރަސްމީކޮށް އަދި ހުޅުވައެއް ނުލަ އެވެ. އެކަމަކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކެމްޕޭންކުރަން ސިޔާސީ ޕާޓީތަކަށް ހުރަހެއް ނެތެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 71 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މި ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.

ކައުންސިލް އިންތިޚާބު ފަސްކޮށް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނެވެ. އެއީ، ކައުންސިލް އިންތިޚާބު ބާއްވައި މެމްބަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ގޮތަށެވެ.

އެ ގާނޫނު ފާސްކުރީ، މިދިޔަ އެޕްރީލް 4 ގައި ބާއްވަން އުޅުނު ކައުންސިލްތަކުގެ އިންތިޚާބު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ނުބޭއްވުމުން، ކުރިމަތިވެދާނެ ގާނޫނީ ހުސްކަމުން އަރައިގަނެ، ކައުންސިލްތަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށެވެ. އެ ގާނޫނު ކައުންސިލްތަކުގެ ބާރުތަކެއް ހަނިކޮށްފައިވާ އިރު އެއީ، އިންތިގާލީ ކައުންސިލަރުން ޒިންމާދާރުކުރުވުމުގެ ގޮތުންނެވެ.