ޓްވީޓް "ގެއްލޭ" ފީޗާ އާންމުކޮށް ދޫކޮށްލަނީ
ޓްވީޓް "ގެއްލޭ" ފީޗާ އާންމުކޮށް ދޫކޮށްލަނީ

ޓްވިޓާ އިން "ފްލީޓް" ކިޔާ އާ ފީޗާއެއް މިދިޔަ މާޗް މަހުން ފެށިގެން ބްރެޒިލްގައި ޓެސްޓްކުރުމަށް ފަހު މުޅި ދުނިޔެ އަށް އާންމުކޮށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

އިންސްޓަގްރާމް ސްޓޯރީ ގޮތަށް މަސައްކަތްކުރާ ޓްވިޓާގެ "ފްލީޓް" މި ވަގުތު ލިބެނީ އިޓަލީ އާއި ދެކުނު ކޮރެއާ އާއި އިންޑިއާގަ އެވެ. ޓްވިޓާ އިން ބުނި ގޮތުގައި މި ފީޗާ މާ ލަސްތަކެއް ނުވެ މުޅި ދުނިޔެ އަށް ފުޅާކުރާނެ އެވެ. އޭރުން އެންޑްރޮއިޑާއި އައިއޯއެސްގެ ހުރިހާ އަހުލުވެރިންނަށް ވެސް ލިބޭނެ އެވެ.

"ފްލީޓް" އަކީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކޮށް، އާންމުކޮށް އެންމެންނަށް ފެންނަ ގޮތަށް ކުރާ ޓްވީޓްތަކާ ހިލާފަށް އެ މީހަކު ފޮލޯކުރާ ބަޔަކާ އޮންނަ ގުޅުން ޕްރައިވެޓްކޮށް ދިނުމުގެ ގޮތުން އިތުރުކުރި ފީޗާއެއް ކަމަށް ޓްވިޓާ އިން ބުންޏެވެ. "ފްލީޓް" ގައި ޓްވިޓާގެ އެހެން ފީޗާތައް ވެސް ބޭނުންކުރެވޭނެ އެވެ. އެކަމަކު "ފްލީޓް" ގައި ހިއްސާކުރާ އެއްޗިއްސަށް އެހެން މީހުންނަށް ރިޕްލައިކުރެވޭނީ ޑައިރެކްޓް މެސެޖުންނެވެ. އަދި އެއީ އެ މީހަކަށް ޑައިރެކްޓް މެސެޖްކުރެވޭ ނަމަ އެވެ.

"ފްލީޓް" ގައި ހިއްސާކުރާ ޕޯސްޓްތައް އެ މީހަކު ފޮލޯކުރާ ބައެއްގެ ޓައިމްލައިނަށް ފެންނާނެ އެވެ.

މި ފީޗާއާ ބެހޭ ގޮތުން ޓްވިޓާގެ ޑިޒައިން ޑިރެކްޓަރު ޖޯޝުއާ ހެރިސް އާއި ޕްރޮޑަކްޓް މެނޭޖަރު ސޭމް ހޭވްސަން ވިދާޅުވީ ޓްވިޓާގެ އަމާޒަކީ އެ ބޭނުންކުރާ މީހުންގެ މެދުގައި އެއީ ބޭނުންކުރަން ހިތްވާ ޕްލެޓްފޯމަކަށް ހެދުމެވެ.

"މި އެބަޖެހޭ ފަސޭހަ އެއްޗަކަށްވާން. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް އެކި ކަހަލަ ޕްރެޝަރުތައް ކުރިމަތިވުމަކީ ވަރަށް އާންމު ކަމެއް،" އެ މީހުން ވިދާޅުވި އެވެ. "އެހެންވެ މި ގެންނަ ބަދަލަކީ މިހާރަށް ވުރެ ތަންކޮޅެއް ޕްރައިވެޓްކޮށް ޓްވިޓާގައި މުއާމަލާތްކުރެވޭނެ މަގުފަހިކޮށް ދިނުން."

"ފްލީޓް" އާންމުކޮށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މިއަށް އިތުރު ބަދަލުތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ޓްވިޓާ އިން ގެންނާނެ އެވެ. އެގޮތުން "ފްލީޓް" އެއްގެ ސްކްރީންޝޮޓެއް އެހެން މީހަކު ނަގައިފި ނަމަ އެކަން އަންގައިދޭނެ ގޮތެއް ވެސް ހަދައިދޭނެ ކަމަށް ޓްވިޓާ އިން ބުންޏެވެ.

"ފްލީޓް" ގެ އިތުރުން ޖެކް ޑޯޒީގެ ޓްވިޓާ އިން މިހާރު އަންނަނީ "ސްޕޭސް" ކިޔާ ފީޗާއެއް ވެސް ޓެސްޓްކުރަމުންނެވެ. އަންހެނުންގެ މެދުގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުންގެ މެދުގައި ޓެސްޓްކުރަމުން އަންނަ މި ފީޗާ އަކީ "ވޮއިސް ޓްވީޓް" ގެ ގޮތަށް މަސައްކަތްކުރާނެ ގްރޫޕް ޗެޓްގައި އަޑު ރެކޯޑްކުރެވޭނެ ފީޗާއެކެވެ.

ޓްވިޓާ އިން ބުނި މި ފީޗާ ކާމިޔާބު އެއްޗަކަށްވެއްޖެ ނަމަ މި އަހަރުގެ ނިމުމުގެ ކުރިން އާންމުކޮށް ދޫކޮށްލާނެ ކަމަށެވެ.