18 ނޮވެމްބަރ 2020 - 12:14

ޑެލަވެއާ (ނޮވެމްބަރު 18) - ވައިޓް ހައުސްގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ފައްޓަވައިފި އެވެ.
އިންތިޚާބުން ނާކާމިޔާބުވިޔަސް ބަލި ގަބޫލް ކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް ބައިޑަން ވަނީ ވައިޓް ހައުސްގެ އިސް މަގާމުތަކަށް ނުވަ ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. ހުރިހާ ބޭފުޅުންނަކީ ވެސް ބައިޑަންގެ ކެމްޕޭނުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނެވެ.
ބައިޑަން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ އަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އަރައިގަނެވޭނެ ފަދަ ޓީމެއް އެމަނިކުފާން އެކުލަވާލަމުން ގެންދަވާ ކަމަށެވެ.
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފަކަށް ރޮން ކްލެއިން ކުރިން ހަމަޖައްސާފައިވާ އިރު ޑެޕިއުޓީ ޗީފް އޮފް ސްޓާފަކަށް ހަމަޖައްސާފައި ވަނީ ބައިޑަންގެ ކެމްޕޭން މެނޭޖަރު ޖެން އޯމަލެ ޑިލޮން އެވެ. ހަތް ރިޔާސީ އިންތިޚާބެއްގައި ކެމްޕޭން މަސައްކަތްކޮށްފައިވާ 44 އަހަރުގެ ޑިލޮން ވަނީ ބަރަކް އޮބާމާ 2012 ވަނަ އަހަރު ކުރެއްވި ކާމިޔާބު ކެމްޕޭނުގެ ޑެޕިއުޓީ މެނޭޖަރުކަން ކުރައްވައިފަ އެވެ. ބައިޑަންގެ ކެމްޕޭނުގެ ކޯ-ޗެއާ ސެޑްރިކް ރިޗްމޮންޑް ހަމަޖައްސާފައި ވަނީ ރައީސްގެ ސީނިއާ އެޑްވައިޒަރުގެ މަގާމަށެވެ. ޖެނުއަރީ 20 ގައި ބައިޑަން ހުވާ ކުރެއްވުމާ އެކު 47 އަހަރުގެ ރިޗްމޮންޑް ކޮންގްރެސްގައި އޭނާ ތަމްސީލް ކުރައްވާ ލޫސިއާނާގެ ގޮނޑި ދޫކޮށްލައްވާނެ އެވެ. ރައީސްގެ ސީނިއާ އެޑްވައިޒަރުގެ މަގާމަށް ވަނީ ކެމްޕޭނުގެ ޗީފް ސްޓްރެޓެޖިސްޓް މައިކް ޑޮނިލޮން ހަމަޖައްސައިފަ އެވެ.
ވައިޓް ހައުސް އަށް ހަމަޖެއްސި އިތުރު ވަޒީފާތަކުގެ ތެރޭގައި ފަސްޓް ލޭޑީގެ މަގާމަށް ވަޑައިގަންނަވާ ޖިމް ބައިޑަންގެ ޗީފް އޮފް ސްޓާފުގެ މަގާމަށާއި ފަސްޓް ލޭޑީގެ ސީނިއާ އެޑްވައިޒަރުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ކައުންސެލް ޓު ދަ ޕްރެޒިޑެންޓާއި އޯވަލް އޮފީހުގެ އޮޕަރޭޝަންތަކަށް ޑިރެކްޓަރަކު ހަމަޖެއްސުން ހިމެނެ އެވެ.
ވައިޓް ހައުސްގެ މަގާމުތަކަށް ބައިޑަން މީހުން ހަމަޖައްސަވަމުން ގެންދެވި ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ އަށް ޓްރަމްޕުގެ ސަރުކާރުން އެއްބާރުލުމެއް ނުދެ އެވެ.