17 ނޮވެމްބަރ 2020 - 22:21

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 41 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޓެސްޓުކުރި 1،075 ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ 30 ދިވެހިންނާއި 11 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 35 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،355 އަށް އެރި އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 915 މީހުންނެވެ. ކޮވިޑް ޖެހިފައިވާ މީހުން މާލޭގެ އިތުރުން ނުވަ ރަށެއްގަ އާއި 28 ރިސޯޓެއްގައި ތިބި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 52 ޓޫރިސްޓަކާއި 88 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދޭތެރެއިން ދަށްވި ނަމަވެސް އިއްޔެ 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކަކާއި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ހިމެނެ އެވެ.