ވެހިކަލްތަކުން އިތުރު ފީއެއް ނެގުން: އެތައް ބަޔަކު ރަތަށް
ވެހިކަލްތަކުން އިތުރު ފީއެއް ނެގުން: އެތައް ބަޔަކު ރަތަށް

މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުނުވެ، އަންނަ އަހަރުން ފެށިގެން އުޅަނދުތަކުން "ކޮންޖެޝަން ޗާޖު" ފީ ނަގަން ބަޖެޓުގައި ހިމެނުމުން ގިނަ ބަޔަކު ރުޅިގަދަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރޭގައި ކޮންޖެޝަން ޗާޖުގެ އިތުރުން ކާރު ޕާކްކުރާނެ ތަންތަން ހަދައި ޕާކިން ފީއެއް ނަގަން ވެސް ހިމަނާފައި ވެ އެވެ.

މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން ބަޖެޓް ފާސްކޮށްފިނަމަ، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދުއްވާ ހުރިހާ ވެހިކަލަކުން ކޮންޖެޝަން ފީ ނަގާނެ އެވެ. އެއީ އެ އުޅަނދެއްގެ އަހަރީ ފީ އާ އެއްވަރުގެ އަދަދެކެވެ.

މިނިސްޓްރީން ބުނިގޮތުގައި އެއީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވާ މާލެ ސަރަހައްދުގެ ބައިބޯވުން ކުޑަކުރުމަށް ނަގާ ޗާޖެއް ކަމަށެވެ. އެ ޗާޖު ނަގާނީ އުޅަނދުތަކުގެ އަހަރީ ފީ ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތަކުގަ އެވެ.

ސަރުކާރުގެ އެ ހުށަހެޅުމާމެދު ހިތްހަމަނުޖެހި ސައްދާމްގެ ނަމުގައި ޓްވީޓުކުރި މީހަކު ވަނީ ދެން އިތުރަށް ނަގާނެ ފީއެއް ނެތްތޯ އަދި އެ އުޅަނދުތައް ދުއްވާ މަގުތަކުގެ ހާލަތު ފެނުނުތޯ ސުވާލު އުފައްދައިފަ އެވެ.

"ގުދާރު މިއޮށް ޞޮދަގަﷲއަލީމް އޭ ކިޔާ ގޮވަނީ. އަނެއްކާ ޕާކްކުރާނެ ތަނެއް ނެތް،" ސައްދާމްގެ ޓްވީޓުގައި ބުންޏެވެ.

މުހައްމަދު ޝާރިފްގެ ނަމުގައި ޓްވީޓްކުރި މީހަކު ބުނީ، މިހާރު ވެސް ވެހިކަލްތަކުން އިމްޕޯޓް ޑިއުޓީއަށް 100 ޕަސެންޓް ނަގާއިރު އަހަރީ ފީ އާއި ރޯޑް ވާދިނަސް ފީ ނަގާ ކަމަށެވެ. ފީ ބޮޑުކޮށް، ޓެކްސް މަތިކޮށްގެން ކަމެއް ހުއްޓުވޭނަމަ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ހުންނާނީ ސަލާމަތްވެފައި ކަމަށް އޭނާ ބުންޏެވެ.

"ފީއެއް ނެގުމުން ވެހިކަލް މަދުވާނެ؟،" ޝާރިފްގެ ޓްވީޓުގައި ވެ އެވެ.

އޭނާ ބުނިގޮތުގައި، ޕާކިން މައްސަލަތަކަށް އޮތް ހައްލަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތު ކަމަށެވެ. މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ނުގެނެސް ޕާކިންގެ މައްސަލަ ހައްލެއް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންޖެޝަން ފީ ނެގުމާ ގުޅޭގޮތުން "މިހާރު" ނޫހުގައި އިއްޔެ ލިޔުނު ހަބަރަށް ކޮމެންޓްކުރި މީހަކު ބުނީ، ސިނަމާލެ ބްރިޖުން ދަތުރުކުރާ މީހުންނާއި ވިޔަފާރިކުރާ މީހުންގެ އަތުން ފީ ނެގުން މާ ބުއްދިވެރި ކަމަށެވެ. ބޮޑު ލޯނެއް ނަގައިގެން ހަދާފައިވާ ބްރިޖުން ހިލޭ ދަތުރުކުރެވޭއިރު ބޮޑުވެފައިވަނީ ވެހިކަލް ފީ ކަމަށް ކޮމެންޓެއްގައި ބުންޏެވެ.

ބައެއް މީހުން ވަނީ މާލެ ސަރަހައްދު ތޮއްޖެއްސި މީހުންގެ އަތުން ކޮންޖެޝަން ޗާޖު ނެގުމަށް ގޮވާލައިފަ އެވެ.

"މީހުން އިތުރުވުން ހުއްޓުވަން ބޮލަށް ވެސް ޓެކުހެއް ކަނޑައެޅިދާނެ. ވިހާ މީހާ އަތުން ވެސް ފީއެއް ނެގިދާނެ. މީހުން އިތުރުވާ ވަރަކަށް މީހުންނާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް އިތުރުވާނެ. މިހާރު ވެސް މީހުން އުޅެނީ އަނގަޔާ އަތާ ދިމާނުވެގެން،" އެހެން މީހެއްގެ ކޮމެންޓެއްގައި ވެ އެވެ.

ސޯޝަލް މީޑިއާގައި ފާޅުކޮށްފައި ހިޔާލުތަކާއި ކޮށްފައި ހުރި ކޮމެންޓުތަކުން، ވެހިކަލްތަކުން އިތުރު ފީއެއް ނެގުމަށް ގިނަ ބަޔަކު ދެެކޮޅުކަން އެނގެ އެވެ. ނަމަވެސް އެއް ބަޔަކު ދެކޭ ގޮތުގައި، ތޮއްޖެހިފައިވާ މާލޭގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އޭގެ ބަދަލުގައި ރަނގަޅު ޕަބްލިކް ޓްރާންސްޕޮޓޭޝަނެއް ހަމަޖައްސަން ޖެހޭނެ ކަމަށް ބައެއް މީހުން ބުންޏެވެ.

ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސުން ބުނީ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށެވެ. އެގޮތުން އެކްސިޑެންޓްތައް ގިނަވުމާއި ވައި ނުސާފުވުމާ ގުޅިގެން ކުރަން ޖެހޭ ހަރަދުތަކާއި މަގުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތަކަށް ގެއްލުންވެ، މަރާމާތަށް ގިނަ ހަރަދުތައް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

ތޮއްޖެހުން ކުޑަކުރުމަށް މާލޭގައި މިނީ ބަހުގެ ހިދުމަތާއި އާ ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ.