ދަރަނި ބޮޑުވީ ކުރީ ސަރުކާރާ ހެދިއެއް ނޫން: އިދިކޮޅު
ދަރަނި ބޮޑުވީ ކުރީ ސަރުކާރާ ހެދިއެއް ނޫން: އިދިކޮޅު

އަންނަ އަހަރު އަނބުރާ ދައްކަން ބަޖެޓްގައި ހިމަނާފައިވާ ދަރަންޏަކީ މިދިޔަ ސަރުކާރުގެ ދަރަނި ނޫން ކަމަށާއި އެއީ މި ސަރުކާރުން އިންޑިއާގެ އަތުން ނަގާފައިވާ ބޮޑެތި ލޯނުތަކާ ގުޅިގެން ދައްކަން ޖެހިފައިވާ ދަރަންޏެއް ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރުވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ބަޖެޓުގައި ހިމެނޭ ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އިން ނަގާފައިވާ ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައިވާ ފައިސާ ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރުން ނެގި ލޯނުތަކާ ގުޅިގެން ދައުލަތުގެ ދަރަނި އެހާ ބޮޑުވެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. ޝުޖާއު މިހެން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާތީ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވާ ވަނިކޮށެވެ.

އެއީ މިދިޔަ ސަރުކާރުން ބަލާލުމެއް ނެތި ބޭރު ފަރާތްތަކުން ހޯދުމާ ގުޅިގެން ބޮޑުވެފައިވާ ދަރަންޏެއް ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ. ސަރުކާރަށް ދެ އަހަރު ވުމާ ގުޅިގެން އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެ ފައިސާ ދައްކަން އޮތް ހަމައެކަނި ގޮތަކީ އިތުރު ފައިސާ ދަރަންޏަށް ނެގުން ކަމަށެވެ. އޭގެ ތެރޭގައި މިއަހަރު ނިމުމުގެ ކުރިން ޗައިނާއަށް ދޭން ޖެހޭ 83 މިލިއަން ރުފިޔާ ދައްކަން، ދަރަންޏަށް ނަގަން ނިންމާފައިވާ ފައިސާ ހިމެނެ އެވެ. ޗައިނާ އަތުން ދަރަންޏަށް ފައިސާ ނެގީ މިދިޔަ ސަރުކާރުންނެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި އިދިކޮޅުގެ ގިނަ ބަޔަކު ނަޝީދުގެ ވާހަކަ ދޮގުކުރި އެވެ. އަދި މި ސަރުކާރުން އަންނަނީ އިންޑިއާގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގަމުން ކަމަށާއި ބަޖެޓުގައި ދަރަނި ބޮޑީ އެކަމާ ގުޅިގެން ކަމަށް ތުހުމަތު ކުރި އެވެ.

"ދިވެހިންނަށް ނުއުފުލޭ ވަރުގެ ތަކުލީފު މި ސަރުކާރުން މި ވަނީ އުފުލާފައި. ޒިންމާ ނުނެގޭ ވަރުގެ ލޯނު ނަގައިގެން ދިވެހިން ދަރުވާލައިގެން މި އުޅެނީ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ލޯނުތައް ދައްކަން ދަތިވުމުން އެ ކަން މިދިޔަ ސަރުކާރުގެ ބޮލަށް މި ސަރުކާރުގެ އިސްވެރިން ޖެހި ނަމަވެސް، ދިވެހި ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.

އަންނަ އަހަރު ނިމޭ އިރު ދަރަނި ދައްކަން 4 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭ ކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނާފައި ވެ އެވެ. މިއީ މި އަހަރު ދަރަނި ދައްކަން ކުރި ހޭދަ އަށް ވުރެ 41 ޕަސެންޓު އިތުރުވުމެކެވެ. ދަރަނި އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު އެއް ސަބަބަކީ މި އަހަރު ވިއްކަން ކަނޑައަޅާފައިވާ ބޮންޑުތަކުގެ ކޫޕަން ޕޭމަންޓް އަންނަ އަހަރު ދައްކަން ޖެހުމެވެ. އަންނަ އަހަރު ވިއްކަން ހަމަޖެހިފައިވާ ބޮންޑުގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭގައި ވެ އެވެ.