17 ނޮވެމްބަރ 2020 - 19:05

ސަސްޕެންޝަނުގައި ހުންނަވާތާ ގާތްގަނޑަކަށް އަހަރެއް ފަހުން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އެންގުމުން، ގާޒީ ބާރީ ސަސްޕެންޑްކުރީ ޑިސެމްބަރު 12 2019 ގަ އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ބާރީއާ ގުޅޭގޮތުން ބަލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމަށެވެ.
އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޒީ ބާރީއާ ދެމެދު ގާތް ގުޅުން އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާ އެކު، އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އޭނާއާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި މާޗު 13، 2015ގައި 13 އަހަރުގެ ޖަލު ހުކުމް އިއްވުގެ ކުރިން، އެ ހުކުމުގެ ކޮޕީއެއް އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަށް ފޮނުއްވުމަށް ބާރީ ހުކުމުގެ ކޮޕީއެއް ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.
"...ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ގާޒީ އަބްދުލްބާރީ ޔޫސުފްގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ، ގާޒީ އަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓު ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ އަބްދުލްބާރީ ޔޫސުފް ދައްކަވާފައިވާއިރު، އެ ފައިސާއަކީ އަބްދުލްބާރީ ޔޫސުފް ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާކަމުގައި މި ކޮމިޝަނުން ކުރި ތަހުގީގަށް އެނގެ އެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.
ބާރީގެ އިތުރުން ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ މަގާމުން ވަކިކުރުމަށް ވެސް މަޖިލީހަށް ފޮނުވާފައި ވެ އެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ. އޭނާ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ބަދަލުކުރީ ކުއްލި ގޮތަކަށެވެ.
މެޖިސްޓްރޭޓް މުލްހާއާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުގެ ތެރޭގައި، ދިފާއީ ވަކީލުން އޭނާގެ ގެއަށް ގޮސް ވަކިން ބައްދަލުކޮށް އެ މީހުންނާ ގާތް ގުޅުން ބޭއްވުމުގެ އިތުރުން އޮކްޓޯބަރު 19، 2019 ގައި މުލްހާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި ދަތިކޮށްފައިވާ މައްސަލަ ހިމެނެ އެވެ. އޭނާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިއަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައި އިޖުރާއަތާ ހިލާފަށް އެ މައްސަލައިގެ ލިޔުންތައް ހޯދަން މުލްހާ މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ބުންޏެވެ.