ފައްޓަރުބައި ވިއްކާލަން މި ޖެހެނީ އެހެން ބަޔަކު ނަގާފައި ހުރި ލޯނު ދައްކަން: ނަޝީދު
ފައްޓަރުބައި ވިއްކާލަން މި ޖެހެނީ އެހެން ބަޔަކު ނަގާފައި ހުރި ލޯނު ދައްކަން: ނަޝީދު

އެމްޑީޕީގެ އުނގުގައި އޮވެގެން ރާއްޖޭގެ މާލިއްޔަތަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި ދެއްވި ސްޕީޗެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އުނގުގައި އޮވެގެން ރާއްޖޭގެ މާލިއްޔަތަށާއި އިގުތިސޯދަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ލޯނުތައް ފަސްކޮށް އެ ދަރަނި ވެސް ކުޑަކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓާއި ކުރީގެ ސަރުކާރުން ނެގި ލޯނުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ބަޖެޓުގެ ދަރަނި ބޮޑުވެގެން މި އުޅެނީ، މި ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ނޫން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މާލެ ކައިރީގައި އޮންނަ ފޮނަދޫ ބޮޑުކުރަން ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު 35 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވާ ކަމަށެވެ. އެ ބޮންޑަށް ވާ ފައިސާގެ ތެރެއިން ދެ މިލިއަން ޑޮލަރު އަންނަ މަހުގެ 15ގައި އަނބުރާ ދައްކަންޖެހުނަސް އެ ޑޮލަރު ނަގައިގެން ކުރި ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ސްޓެލްކޯގެ ފަސް ވަނަ ޕަވަ ޖެނެރޭޝަން ޕްރޮޖެކްޓަށް ކަމަށް ބުނެ 75 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށާއި އެ ލޯނަށް އަންނަ މަހުގެ 27 ގައި 3.1 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބެއްލެވުމެއް ނެތް، އޮޅުންފިލުއްވުމެއް ނެތް، ވިޔަފާރީގެ ދެކޮޅު ޖެހުމެއް ބަލައިލުމެއް ނެތް، ހަމަ ރުފިޔާ ވީމަ، ލިބެން އޮތީތީ ނަންގަވަމުން ނަންގަވަމުން ގެންދެވީ،" ނަޝީދު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކުގެ ތެރެއިން އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އަންނަ އަހަރު އެ ފައިސާ ދެއްކެން ނެތުމުން، ހަދަންޖެހޭ ގޮތަކީ، ނަޝީދު ވިދާޅުވި ގޮތުގައި ދަރަންޏަށް ނަގާފައި ދަރަނި ދެއްކުމެވެ.

"އަޅުގަނޑުމެން މިއަދު ތާށިވެ މި ތިބީ ނުހަނު އުނދަގޫ ތަނެއްގައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސައްކަތްޕުޅަކަށް ވާނީ އެ ބަޖެޓު ވެސް ވީ މިންވަރަކަށް ދެކޮޅު ޖައްސައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމެވެ. މިހާރު މަޖިލީހަށް ހުހަޅާފައިވާ ބަޖެޓު ކިތައްމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް އެ ހަޑި ހުތުރުކަމަކީ މި ސަރުކާރުން ގެނައި އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެން ބައެއްގެ ދަރަނި ދައްކަންވެގެން މި ޖެހެނީ އަމިއްލަ ފަށްޓަރުބައި ވިއްކާލަން އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަންޖެހޭތީ ނަޝީދު ވަނީ ކަންބޮޑުވެވަޑައިގެންފަ އެވެ. ތަރައްގީވެ ކުރިއަރަމުން އަންނަ ބިޔަ ބޮޑު ޗައިނާއިން، ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނުމަކީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބަންދުވެފައިވާ މި ހާލަތުގައި ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިންސާފު ކޮބާތޯ ސުވާލު އުފައްދަވައިފަ އެވެ. އެމަނިކުފާނު ވަނީ ރާއްޖެއާ މެދު އެގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފްކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް ރައީސް އާއި އެމްޑީޕީން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމާ މެދު ޝައްކެއް ނުއުފެދޭ ކަމަށެވެ. ނަމަވެސް އެ ވެރިކަމަށް މިއަދު ދެ އަހަރު ވެގެންދާއިރު، ދަތިތަކާއި ހިތާމަ މެދުވެރިވީ ބަދު ނަސީބުގެ ކޮޅެއް ނެތް ކޮޅަށް ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސޯދާއެކީގައި ރާއްޖޭގެ އިގުތިސޯދު ވެސް ވެއްޓ އެ ހާލަތު ދަށްވެ ހީނަރުވެގެން ދިޔައީކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި މާލޭގެ ފިހާރަތަކާއި ސައި ހޮޓާތައް ބަންދުކޮށް، ދިރިއުޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލައި ހަތް މަސް ވެގެންދިޔައީ، އެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެހެން އެއްވެސް ވެރިއަކަށް ކުރިމަތިވެފައި ނެތް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެންމެ ކުޑައިރުގެ ރަހުމަތްތެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ ރެއަކު އަވަހާރަފުޅުލައްޕަވާނީ އެ ހިތާމައިގައި ކަމަށެވެ. ނަމަވެސް އާއްމުންގެ ތެރޭގައި ރައީސް ކީރިތިކުރައްވާތީ ވެސް އެކަމާ ބަޔަކު ހަޖޫޖަހާ ކަމަށް ވިދާޅުވި އެވެ.

"ކޮން އިންސާނެއްތޯ އެ ދުވަހު ލޮލުން ކަރުނަ ނާޅާނީ؟. މި ދުނިޔެ މި އޮތީ ވެފައި އޮތް ގޮތް. ރާއްޖޭގެ ރައްޔިތުންނަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ފެންނާނެ. އެތަން މި ތަނުގައި މީހުންތައް މަރުވަމުން ދަނީ. ޔޫރަޕްގެ ތަހުޒީބީ ގައުމުތަކުގައި ސިއްހީ ފަރުވާ ނުދެވިގެން، ހޮސްޕިޓަލުގައި އެނދެއް ނެތިގެން މަގުތައް މަތީގައި ބަލި މީހުން ބަރިބަރިއަށް ޖަހަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ޔަގީން ކަށަވަރު ރަނގަޅަށް ވިސްނައިފި ކޮންމެ ދިވެހި ރައްޔިތެއް މިކަމަށް ނުހަނު ޝުކުރުވެރިވާނެ. ޕެންޑެމިކްގެ ބޮޑު ރޯގާގެ ހުރިހާ ދުވަހެއް އަޅުގަނޑުމެން މި ދިޔައީ ސަރުކާރު މުވައްޒަފެއްގެ މުސާރައިން އެންމެ ލޯ ލާރިއެއް ވެސް ނުކަނޑާ. ވަޒީފާ ނެތް މީހުންތަކަށް ދެވެން އޮތް މިންވަރަކަށް ސަރުކާރުން ދިޔައީ ދެމުން. ވަޒީފާތައް އަލުން އަނބުރާ ފަށައިދިނުމަށް، ޓުރިޒަމް އަލުން އަނބުރާ ފަށައިދިނުމަށް ދެވެން އޮތް މިންވަރަކުން ސަރުކާރުން ދިޔައީ އެކަން ކުރަމުން،"

އަވަށްޓެރި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާ މި ހާލަތުގައި ވެސް ރާއްޖެ ހުޅުވައި އިގުތިސޯދީ ހަރަކާތްތައް އަލުން ފަށައި ދިވެހިންގެ މަސައްކަތްތެރިކަމަށް އަލުން ޖާގަ ހޯދައިދިނުމަކީ ހިކުމަތްތެރި ސިޔާސަތު ހިންގެވުމުން ވާ ގޮތް ކަމަށް ވިދާޅުވި އެވެ.