17 ނޮވެމްބަރ 2020 - 13:06

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުނުއިރު މިހާތަނަށް 123 މަޝްރޫއެއް ނިންމާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރައީސް އޮފީހުން އެކުލަވައިލާފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓުތަކާއި ސިއްހީ، ކުޅިވަރުގެ ދާއިރާގެ ގިނަ ޕްރޮޖެކްޓުތައް ނިންމައިފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކުޅިވަރު ދާއިރާގެ ޕްރޮޖެކްޓުތަކެވެ.
- ބަނދަރު ހެދުމުގެ 11 ޕްރޮޖެކްޓު.
- މަގުބައްތި ހަރުކުރުމުގެ 1 ޕްރޮޖެކްޓު.
- ގޮނޑުދޮށް ހިމާޔަތް ކުރުން: 3 ޕްރޮޖެކްޓު
- ސިއްހީ ދާއިރާ: 9 ޕްރޮޖެކްޓު.
- ކޮވިޑް ކަރަންޓީން ފެސިލިޓީތައް އިމާރާތް ކުރުން: 7 ޕްރޮޖެކްޓު.
- ރިހެބިލިޓޭޝަން: 2 ޕްރޮޖެކްޓު.
- އެއާޕޯޓް: 1 ޕްރޮޖެކްޓު.
- ތައުލީމީ ދާއިރާ: 3 ޕްރޮޖެކްޓު.
- މިސްކިތްތައް އަޕްގްރޭޑް ކުރުން: 5 ޕްރޮޖެކްޓު.
- ކުނި ނައްތާލުން: 1 ޕްރޮޖެކްޓު.
- ކުޅިވަރު: 78 ޕްރޮޖެކްޓު.
- އިޖުތިމާއީ ޚިދުމަތް: ދެ ޕްރޮޖެކްޓު.
ތަފާސްހިސާބުތައް ދައްކާގޮތުގައި 123 ޕްރޮޖެކްޓެއް ނިމިފައިވާއިރު 181 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި 64 މަޝްރޫއެއް ބީލަމަށް ލާފައިވާއިރު 90 ޕްރޮޖެކްޓެއް އެވޯޑުކޮށް 18 ޕްރޮޖެކްޓެއްގެ ޑިޒައިނިންގެ މަސައްކަތް ވަނީ އެވޯޑު ކޮށްފަ އެވެ.
މީގެ އިތުރުން ޕްރި ޓެންޑަރިންގެ މަރުހަލާގައި 138 ޕްރޮޖެކްޓު މިހާރު ވެސް އެބައޮތެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓުތަކުގެ ތެރެއިން 52 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ މަޑުޖައްސާލައިފަ އެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ހުއްޓާލަން ޖެހުނު ޕްރޮޖެކްޓުތަކެވެ. މީގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމާއި މިސްކިތް އަޕްގްރޭޑް ކުރުން އަދި އެއާޕޯޓު ތަރައްގީ ކުރުމާއި ކުޅިވަރުގެ ޕްރޮޖެކްޓުތައް ހިމެނެ އެވެ.