ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް
ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ، ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓުގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އިސްލާމްދީނުގެ ނޫރު އަބަދަށް މެ މި ފަސްގަނޑުގައި ދެމެހެއްޓުމަށް ވެސް ދުއާ ކުރެއްވި އެވެ.

"މި ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން،" ރައީސްގެ ޓްވީޓުގައި ވެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމްދީން ގަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގަ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން އެ ދުވަސް ފާހަގަކުރަަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރު އެވެ.

އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރި އެވެ. އެކަމަކު، އޭގެ ފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން ހުއްޓާލުމަށް ފަހު، އަނެއްކާ ވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.