މޮޅު ގޯލެއް، ވަރުގަދަ ކެމްޕެއިނެއް، ބޮޑު ޝުކުރެއް!
މޮޅު ގޯލެއް، ވަރުގަދަ ކެމްޕެއިނެއް، ބޮޑު ޝުކުރެއް!

ދިވެހިން ހިންގި ބޮޑު ކެމްޕެއިނަކަށް ފަހު ވިއެޓްނާމް ކުޅުންތެރިޔާ ބަލިކޮށް އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ ސުޕަސްޓާރު އަލީ އަޝްފާގް (ދަގަނޑޭ) ހޮވުމާ އެކު އޭނާގެ ޝުކުރު ދިވެހި ސަޕޯޓަރުންނަށް ބަންޑުންކޮށްލައިފި އެވެ.

މޮޅު ގޯލެއް، ވަރުގަދަ ކެމްޕެއިނެއް، ބޮޑު ޝުކުރެއް!
މޮޅު ގޯލެއް، ވަރުގަދަ ކެމްޕެއިނެއް، ބޮޑު ޝުކުރެއް!

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ވެބްސައިޓުގައި ކުރިއަށް ގެންދިޔަ ޕޯލްގައި ދަގަނޑޭ އަށް ލިބުނީ 51.45 % ވޯޓެވެ. އެއީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ވިއެޓްނާމުގެ ހަނޯއީ އެފްސީގެ ގުޔެން ވެން ޔުޔެޓް 2017 ވަނަ އަހަރު ފިލިޕީންސްގެ ސެރެސް ނެގްރޮސް ކޮޅަށް "ސިޒާ ކިކް" ގޯލަށް ލިބުނީ 48.55 ޕަސެންޓް ވޯޓެވެ.

ދަގަނޑޭ އަށް ވޯޓް ލުމަށް ދިވެހިން ސޯޝަލް މީޑިއާގައި ހިންގި ބޮޑު ކެމްޕެއިނުގައި މީޑިއާ ހައުސްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ވަކިވަކި ފަރުދުން ބައިވެރިވި އެވެ. ފަހަކަށް އައިސް ދިވެހިންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އެންމެ ބޮޑުވި ދެ ދުވަހެއްގެ ގޮތުގައި ފާހަގަކުރެގެނީ ވެސް ދަގަނޑޭ އަށް ވޯޓް ހޯދައިދޭން ސޯޝަލް މީޑިއާގައި ކެމްޕެއިން ހިންގި މި ދެ ދުވަހެވެ. އޭނާގެ ބައެއް ސަޕޯޓަރުން ދުވަސް އެއްކޮށް ހޭދަކުރީ ވޯޓްލުމާއި ވޯޓް ހޯދުމުގަ އެވެ.

"އަލްހަމްދު ٱللَّٰه! މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" ދަގަނޑޭ ޓްވީޓްކުރި އެވެ.

"އަދި، މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން އަޅުގަނޑާ އެކު ތިބުމަކީ އަޅުގަނޑު ނުހަނު އުފާ ކުރާކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ!"

ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.

ކުޅުންތެރިން އަމިއްލަ މަސައްކަތުން ޖެހި ފާހަގަކޮށްލެވޭ ފަސް ގޯލާ އެކު އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލި ޕޯލްގައި ދަގަނޑޭގެ ގޯލަށް އެ ފަހަރު 54 ޕަސެންޓް ވޯޓް ލިބުނެވެ. ޕޯލްގެ ދެ ވަނަ އަށް ދިޔަ އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަތު ސިންގް ޖެހި ގޯލަށް ލިބުނީ 22 ޕަސެންޓް ވޯޓެވެ.

އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ.

"އޭއެފްސީ ކަޕުގައި ފުރަތަމަ ގޯލް 2005 ވަނަ އަހަރު ޖެހި، އަދި މިއަދާ ހަމަޔަށް ވެސް، ދެގޮތެއް ނުވެ ކުރިއަށްދާ، ދިވެހިރާއްޖޭގެ ސުޕަސްޓާ އަލީ އަޝްފާގް އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ލިސްޓުގައި ހިމެނެ އެވެ،" އެ ގޯލަކީ ދަގަނޑޭ އެ މުުބާރާތުގައި ޖެހި އެންމެ މޮޅު އެއް ގޯލްކަން ފާހަގަކުރަން އޭއެފްސީގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

އެ ގޯލް ސިފަކޮށްދެމުން އެ ވެބްސައިޓުގައި ލިޔެފައިވާ ގޮތުގައި ޕާސިބޯގެ ގޯލްކީޕަރު ކީޕަރު ކައިރިން ދަގަނޑޭ ނައްޓާލުމުން އޭނާ އަށް ފަސޭހައިން އެ ބޯޅަ ގޯލަށް ވައްދާލެވެން އޮތްހެން ހީވި ކަމަށެވެ. އެކަމަކު ދަގަނޑޭގެ ހުރީ ފެންނަ ފެނުމަށް، އިންޑޮނީޝިއާ ދިފާއީ ކުޅުންތެރިން ހާސްކޮށްލުމުގެ ނިޔަތް ކަމަށާއި އެގޮތުން ގޯލުގެ މެދަށް އެ ބޯޅަ ހަމަޖެހިލާފައި އަމާޒުކޮށްލުމުގެ ކުރިން އޭނާ އިންޑޮނީޝިއާގެ ދިފާއީ ކުޅުންތެރިން ދެކޮޅަށް ތަޅުވާލިކަމަށް ލިޔެފައިވެ އެވެ.

އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

އޭނާ އެންމެ ގަޔާވާނީ، ބޯޅައާ އެކު ކުރިއަށް އަރާނެ ޖާގަ އޮއްވާ، މެދުތެރެއިން ތިރިން ދޭ ބޯޅަތަކެވެ. އެފަދަ ބޯޅައެއް އޭނާގެ ފަޔަށް އެރުމާ އެކު ޑިފެންޑަރުން ކައިރިން ދެމިލައި، ކީޕަރު ކައިރިން ވެސް ނައްޓާލައި އެތައް ބޯޅައެއް ގޯލަށް ވައްދާލާފައި އެބަހުއްޓެވެ. ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ އިންޑިވިޖުއަލް ހުނަރު އެންމެ ފާހަގަކުރެވުނީ، 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އޭރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އައި ޕާކިސްތާނުގެ ޑިފެންޑަރު ޒޭޝް ރެހްމާން ކައިރީ ކުޅެލި ގޮތުންނެވެ.

ޕާސިބޯ ކޮޅަށް އިންޑޮނީޝިއާގައި ފަސް ގޯލް ޖެހުމަށް ފަހު މާލޭގައި ޕާސިބޯ އަތުން 6-1 އިން މޮޅުވި މެޗުގައި ދަގަނޑޭ ތިން ގޯލް ޖެހި އެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުގައި، ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ ކޯޗުކަމުގައި ނިއު ކުޅެ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފަހަރެވެ. އަދި އެ އަހަރު ރާއްޖޭގެ ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދައި ރާއްޖޭގެ ރެކޯޑެއް ވެސް ގާއިމްކުރި އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއް ވަނަ އަށް އަރަން ދަގަނޑޭ އަށް ބޭނުންވަނީ ހަ ގޯލެވެ.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް އިންޑިއާގެ ސުނިލް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ. ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ.