16 ނޮވެމްބަރ 2020 - 19:32

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މިސްރާއި މޮރޮކޯ އާއި ރިޕަބްލިކް އޮފް ގިނީ އާއި ސެނެގާލް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާ އިން ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ބައިވެރިވެ ވަޑައިގަތް ކަމަށެވެ. އެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭގޮތުންނާއި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެފްރިކާގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރުންގެ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ގައުމުތަކާއި ރާއްޖެއަކީ އެއްހަމަތަކެއް ގަބޫލުކުރާ ގައުމުތަކެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން ރާއްޖެއިން ދިން އެހީތަކަށް މިނިސްޓަރު ޝާހިދު އެ ބައްދަލުވުމުގައި ޝުކުރު އަދާ ކުރެއްވި އެވެ.