02 ނޮވެމްބަރ 2016 - 10:47

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެ، މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުން އެ ކޮމިޝަނަށް ފަނޑިޔާރަކު ކަނޑަނާޅާތީ އެ ކޮމިޝަންގެ މަގާމެއް ހުސްވެފައި އޮންނަތާ ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.
ޖޭއެސްސީގެ ގާނޫނު ބުނާގޮތުން ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި އެ މަގާމަކަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ އެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައެޅި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މެމްބަރު ކަމުގެ ދައުރު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަވެފައިވާއިރު އެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ނުކޮށް އޮންނަތާ 30 ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ފާއިތުވެފަ އެވެ.
އެ މަގާމު ހުސްކޮށް އޮންނަތާ އަންނަ ހަފުތާގައި ދެ މަސް ފުރޭއިރު އަދިވެސް ހައި ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރަކު ކަނޑައެއް ނާޅަނީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ. އެކަމުގައި ހައި ކޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި އިންތިޚާބެއް ބާއްވައިގެންނެވެ. އެކަމަކު ނުވަ ފަނޑިޔާރުން ތިބެންޖެހޭ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް މިހާރު އޮތީ ހުސްކޮށެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން މިހާރު އަންނަނީ ކުރަމުންނެވެ.
ހައި ކޯޓުގައި މިހާރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އޭގެ ތެރެއިން ފަނޑިޔާރު ޣަނީ އާއި ފަނޑިޔާރު ޝުއައިބު އަދި ފަނޑިޔާރު ޝުޖާއު ހުންނަވަނީ އައްޑޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފީގަ އެވެ.