17 ނޮވެމްބަރ 2020 - 18:47

"ގައުމުގެ ދުލުން" ނަމުގައި މޯލްޑިވްސް މިއުޒިކަލް އެންޑް އާޓްސް ސެންޓަރުން ބާއްވާ ލަވަ މުބާރާތުގެ ޖަޖުން ހޮވައިފި އެވެ.
އެ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް އިންސާފުކުރަން ހޮވީ ލަވަކިޔުންތެރިން ކަމަށްވާ އަބްދުލް ސަމީއު އަބްދުލްޣަފޫރު އާއި މަޖީދު އިސްމާއިލް އާއި ރާފިއަތު ރަމީޒެވެ. މި މަހުގެ 27 ވަނަ ދުވަހު މުބާރާތުގެ ލަވަތައް ރިކޯޑުކުރަން ފަށާ އިރު، އާންމުންނަށް މުބާރާތް ދައްކާނީ އަންނަ މަހުގެ ތެރޭގަ އެވެ.
މޯލްޑިވްސް މިއުޒިކަލް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން އަލީ އަބްދުއްކަރީމް (ރުކުމާ) ވިދާޅުވީ މި މުބާރަތް ބާއްވަނީ ދިވެހި ގައުމިއްޔަތު އާރާސްތުކުރަން ކަމަށެވެ.
"[މި މުބާރާތުގެ] މަގްސަދަކީ އަޅުގަނޑުމެންގެ ބަލިކަށިވެފައި އޮތް ގައުމިއްޔަތު އަލުން އަނބުރާ އާރާސްތުކުރުން،" ރުކުމާ ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ހަ އުމުރުފުރަ އަކަށެވެ. އެއީ އަށް އަހަރުން ދަށުގެ އުމުރު ފުރަ އާއި 11 އަހަރުން ދަށުގެ އުމުރު ފުރަ އާއި 13 އަހަރުން ދަށުގެ އުމުރު ފުރަ އާއި 16 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން ދަށުގެ އުމުރު ފުރަ އާއި ޒުވާނުންނަށް ހާއްސަކޮށްފައިވާ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރު ފުރަ އެވެ.
މި މުބާރާތާރުގައި 50 އަށް ވުރެ ގިނަ ބައިވެރިން ލަވަ ކިޔާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ. އެ ބައިވެރިން ހޮވީ ހާއްސަ އޮޑިޝަނެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ. އޭނާ ވިދާޅުވީ 92 ޕަސެންޓް ބައިވެރިން ހުށަހަޅާނީ އަމިއްލަ ރާގުތައް ކަމަށެވެ. އަމިއްލަ ރާގަށް ހާއްސަ އިސްކަމެއް ދީފައި ވުމުން އެ ކެޓަގަރީން ވެސް ވަނަ ހޮވާނެ ކަމަށް ވިދާޅުވި އެވެ.
މި މުބާރާތުގެ މީޑީއާ ޕާޓުނަރަކީ ވީޓީވީ އެވެ. ޖުމްލަ ފަސް އެޕިސޯޑެއް ދައްކާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ.